Tuesday, 28 July 2026

މިފްކޯގެ ސީއީއޯ ސަސްޕެންޑްކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ސަމާހު ރަޝީދު ދެ ހަފުތާއަށް ސަސްޕެންޑްކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިގޮތަށް ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ ސަމާހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ބޯޑުން ފޮނުވި ސިޓީއަކާ ގުޅިގެންނެވެ.

ޕީސީބީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަމާހްއާ ދެކޮޅަށް ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން އިންކުއަރީއެއް ކުރިއަށް ގެންދާ ކަމަށާއި އެހެންކަމުން ފުރިހަމަ އިންކުއަރީއަކަށް ޖާގަ ދިނުމުގެ ގޮތުން އޭނާ 14 ދުވަހަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން ޕީސީބީން ސަމާހަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިޔާގައި ލީކުވިއެވެ. މި ސިޓީގައި މައިގަނޑު 12 ތުހުމަތެއް ފާހަގަކޮށްފައިވެ އެވެ. އޭގެތެރޭގައި ވަޒީފާ ދިނުމުގައި ނެޕޮޓިޒަމް ގެންގުޅުމާއި، ސިޔާސީ ބޭނުމަށް ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެއެވެ.

ލީކުވި ސިޓީއާ ގުޅޭ ގޮތުން ޕީސީބީން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *