Tuesday, 28 July 2026

އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު ދުނިޔޭގެ އެންމެ ބޮޑު ހަކަތަ އުފައްދާ ކުންފުންޏަކާ ހަވާލުކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިން ޕްރޮޖެކްޓެއް ގާއިމުކުރުމަށް ދުނިޔޭގެ އެންމެ ބޮޑު ޕްރައިވެޓް އެނާޖީ ކުންފުނި ވިޓޯލްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމާއި ވިޓޯލްގެ ޑިރެކްޓަރު ޖޭ އެންޖީ އެވެ.

ޝިމާދު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްއާއެކު ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށާއި، މިކަމުގެ ސަބަބުން ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެގެންދާނެކަމަށެވެ.

ވިޓޯލްގެ ޑިރެކްޓަރު ޖޭ ވިދާޅުވީ އެސްޓީއޯއަކީ އެފަރާތްތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ކުންފުންޏެއް ކަމަށާއި މިފަދަ ބޮޑު ޕްރޮޖެކްޓަކީ ދެ ކުންފުނި ގުޅިގެން ހިންގުމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި އެސްޓީއޯއަކީ ކަސްޓަމަރުންގެ ބޮޑު އިތުބާރު ހޯދާފައިވާ ކުންފުންޏަކަށްވާތީ، މި މަސައްކަތަށް ބޭނުންވާ ޓެކްނިކަލް އަދި ލޮޖިސްޓިކް އެހީތެރިކަން ވިޓޯލް އިން ފޯރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖޭ ވިދާޅުވި ގޮތުގައި ބަންކަރިން އަށް އެންމެ ކަމުދާ ގައުމަކީ ރާއްޖެ އެވެ. އަދި މިއީ ބޮޑެތި އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށް ވާތީ، އިހަންވަންދިއްޕޮޅު ވެގެންދާނީ މައި ބަންކަރިން ހަބެއްގެ ގޮތުގައި މަގުބޫލު ތަނަކަށް ކަމަށް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސިފަކުރެއްވި ގޮތުގައި ބަންކަރިންގެ ހިދުމަތް ތައާރަފް ކުރުމަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އާމްދަނީ އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ހަކަތަ އުފައްދާ ކުންފުންޏާއެކު މިފަދަ ބޮޑު މަޝްރޫއެއް ހިންގުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅު ކައިރިން ދުވާލެއްގެ މައްޗަށް 300 އަށް ވުރެ ގިނަ އާ އުޅަނދު ދަތުރުކުރާއިރު، އެ ސަރަހައްދުގައި ހުރި އުޅަނދުފަހަރަށް ހިދުމަތް ދެވޭނެ މާ ބޮޑު ގޮތެއް ނެތެވެ. މީގެ ކުރިން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުގެ އުޅަނދުފަހަރަށް ބަންކަރިން އާއި އެހެނިހެން މުހިންމު ހިދުމަތްތައް ދިނުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށެވެ.

މިނިސްޓަރު ސައީދު ދާދި ފަހުން ހއ. އަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވީ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *