Tuesday, 28 July 2026

ރައްކާ ކެމްޕެއިންގެ ފަހިރާސްތާ ޕްރޮގްރާމް ފަށައިފި

މަގު ބޭނުންކުރާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި، މަގުމަތީގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ ރައްކާ ކެމްޕެއިންގެ “ފަހިރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ.

މާރިޗު 10 ވަނަ ދުވަހު ސޯޝަލް ސެންޓަރު ކުރިމަތީގައި ބޭއްވި ރަސްމިއްޔާތުގައި، މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި ޝީޝާ މޯލްޑިވްސްގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

މި ޕްރޮގްރާމް ފައްޓަވައިދެއްވައި ވަޒީރު މުޙައްމަދު އަމީން ދެއްކެވި ވާހަކަ ފުޅުގައި، މި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ހުރިހާ ބޭފުޅުން އުޅުމަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި މަގުމަތީގެ ޓްރެފިކްގެ މައްސަލަތައް ގޯސް ހާލަތަކަށް ގޮސްފައިވަނީ އެއްދުވަހުން ދެދުވަހުން ނޫން ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް ކަންކަން ކުރުމުގެ ސަބަބުން މިއަދު ކުރަންޖެހިފައިވާ މަސައްކަތަކީ ކުރަމުންދާ މަސައްކަތަކީ ފުލުހުންނާއި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން އެކުލަވާލި ބޮޑު ޕްރޮގްރާމަކީ އެއްދުވަހުން ދެދުވަހުން ވާނޭ ކަންކަން ނޫންކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ، ގްރޭޓާ މާލޭ ސަރަހައްދުގައި ވެހިކަލް ތޮއްޖެހިފައިވާ ތޮއްޖެހުން މާލޭގެ ޕާކިންގއަށް ސަރުކާރުން ދެއްވި ލުއިތަކާއި ޕާކްކުރުމުގެ އާންމު އުސޫލުތަކާއި އަހުލާގީ އަދި ފަރުދީ ޒިންމާއަށް ބަލާލުމެއްނެތި މިސްކިތްތަކާއި ސްކޫލުތަކާއި ވަދެނުކުތުމަށް ދަތިވާގޮތަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ރޭންޕުތައް މަތީގައި ޕާކްކުރަމުން ގެންދާކަން ފާހަގަކުރައްވާފައިވެއެވެ.

ކޮމިޝަނަރ އިތުރަށް ވިދާޅުވީ ސައިލެންސަރަށް ބަދަލުގެނެސް އަޑުގަދަކޮށް ދުއްވުމާއި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާ މަދުބައެއްގެ ސަބަބުން މަގުމަތި ބޭނުންކުރާ އެހެން ފަރާތްތަކަށް ނުތަނަވަސްކަމާ ކުރިމަތިލާންޖެހޭ ކަމަށެވެ. އަދި މިފަދަ އެތައް ކަމެއްގެ ތެރެއިން މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން މިއަދު ކުރެވެމުންދާ ކަމަށާއި މި މަސައްކަތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާގެ އިސްނެގުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތާއި މާލޭ ސިޓީ ކައުންސިލާއި އެޗް.ޑީ.ސީ އާއި ވެމްކޯ ގުޅިގެން، މާލޭގެ މަގުތަކަށް އުކާލާފައިވާ ވެހިކަލްތަކުގެ ބައިތައް ނަގައި ޕާކްކުރުމަށް އިތުރު ޖާގަ ތަނަވަސްކޮށްދިނުމަށް ބާރު ސްޕީޑްގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި ޓެކްނޮލޮޖީގެ އެހީގައި ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރުމާއިއެކު އެކަމަށްޓަކައި ގާނޫނާއި ގަވާއިދަށް ގެންނަން ޖެހޭބަދަލުތައް ގެނައުމުގެ މަސައްކަތްތައް އެކުއެކީގައި ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

ފަހިރާސްތާ ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، ކަލާފާނު ސްކޫލުގެ ޓްރެފިކް މޮނީޓަރުންގެ ޓްރެފިކް އެވެއާނެސް ހަރަކާތަކާއި، އެކްސިޑެންޓުވެފައިވާ މީހަކަށް އަވަސްފަރުވާދީ އެހީތެރިކަން ފޯރުކޮށްދޭނެގޮތުގެ ހަރަކާތެއް މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުން ކުރިއަށް ގެންގޮސްފައިވެއެވެ.

ފަހިރާސްތާ ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރަމަޟާންމަހު މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކުރާނެކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ. އަދި ރަމަޟާން މަހުގެ ނިޔަލަށް ހައިވޭގެއި ހަތަރު ލޭން ހިމެނޭ ސަރަހައްދުގައި ޗެކް ޕޮއިންޓު ބަހައްޓައި އުޅަނދުތައް ހުއްޓުވައި ބެލުމާއި، ހުއްޓުވާ އުޅަނދުތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވާ މީހުންނަށް ޕެޓްރޯލް ގިފްޓް ވައުޗަރާއި އުޅަނދު ދޮވުމުގެ ގިފްޓް ވައުޗަރ އަދި ރައްކާތެރި ހެލްމެޓު ހަދިޔާކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން ސްކޫލުތަކުގެ ދަރިވަރުންނަށާއި އޮފީސްތަކުގެ މުވައްޒަފުންނަށް މައުލޫމާތުދިނުމާއި، މަގުމަތީގައި ހުރި ޓްރެފިކް ނިޝާން ބޯޑުތައް ރަނގަޅުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ހިމެނޭ ބިލްބޯޑުތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ޝީޝާ މޯލްޑިވްސް އަދި  އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އަދި ދަ ހޯކްސް ގުޅިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *