Tuesday, 28 July 2026

އައްޑޫގައި ތިބި އިންޑިޔާ ސިފައިން އަނބުރާ ޤައުމަށް ގޮސްފި

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު އޮޕަރޭޓްކުރުމަށް އައްޑޫ ގަމުގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ހިނގައްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ގެންދަން އިންޑިއާ އިން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން ރާއްޖޭގައި މިހާރު ބޭނުންކުރަމުންދާ އިންޑިއާގެ ތިން އުޅަނދުގެ ތެރެއިން ދެ އުޅަނދެއްގައި ހަރަކާތްތެރިވާ ސިފައިން މި މަހު 10ގެ ކުރިން އަދި އަނެއް ދެ އުޅަނދުގެ ސިފައިން 10 މޭގެ ކުރިން އިންޑިއާ އަށް ގެންދަން އެގައުމުން ވަނީ އެއްބަސްވެފަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ކަނޑައެޅި ތާރީހަށް އައްޑޫ ގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފުރާފައިވާ ކަމަށެވެ. އަދި ހެލްކޮޕްޓަރު އޮޕަރޭޝަންގައި ދެން ތިބޭނީ އިންޑިއާގެ މަދަނީ 26 މީހެއް ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ތިބި އިންޑިއާ ސިފައިން އަންނަ މޭ މަހުގެ 10 ގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާއެކު ފުރިހަމަކޮށް ނިންމުމަށް ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުން އެންމެ ފުރަތަމަ ހާމަކުރި މައުލޫމާތުގައިވާ ގޮތުން ރާއްޖޭގައި ތިބީ އިންޑިއާގެ 77 ސިފައިންނެވެ. އޭގެ ފަހުން އެ އަދަދު 89 އަށް އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފަހުން އެ އަދަދު ވަނީ 88 އަށް ދަށްކޮށްފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *