ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި އާދިއްތަ ދުވަހުގެ ރޭ ދަންވަރު ހިނގި ނުރައްކާތެެރި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް، ޕާކް ކޮށްފައި އޮތް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގެ ވޭނެއްގައި ޖެހިގެންނެވެ. މިއެކްސިޑެންޓްގައި ނިޔާވެފައިވަނީ ކ. ހުރާ، މުހައްމަދު ލަޔާން ޝަރީފް، 19 އެވެ.
އެކްސިޑެންޓްގައި އެޒުވާނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ލިބިފައި ނުވި ނަމަވެސް، މިއަދާއި ހަމައަށް އެޒުވާނާއަށް ފަރުވާ ދެމުން އައިސްފައިވަނީ ހާލު ސީރިއަސް ވެގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައެވެ.
އެކްސިޑެންޓު ހިނގާފައި އޮއްވައި ފުލުހުންނަށް ފެނުނީ ރޭ ދަންވަރު 2:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. ކުއްޖާ ދުއްވި ސައިކަލު ވެސް ފުނޑުފުނޑު ވެފައި އޮތްއިރު ސައިކަލު ގޮސް ޖެހުނު، ވޭނުގެ ފަހަތްކޮޅު ވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.


