ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އިންޑިއާއަކީ ބުލީއެއް ކަމަށް ކުރާ ތުހުމަތު އެޤައުމުގެ އެންމެ އިސް ޑިޕްލޮމެޓް، އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރު ހަރުކަށި އިބާރާތުން ދޮގުކުރައްވައިފި އެވެ.
ޖައިޝަންކަރު ވަނީ އަވަށްޓެރި ގައުމުތަކަށް ދަތިތަކާ ކުރިމަތިވާ ހިނދު ހަގީގީ ބުލީކުރާ ފަރާތްތަކުން 4.5 ބިލިއަން ޑޮލަރު ނުދޭނެ ކަމަށެވެ. ޖައިޝަންކަރު މިހެން ވިދާޅުވީ އާދީއްތަ ދުވަހު އަނަންތާ އެސްޕެން ސެންޓަރުގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އާދީއްތަ ދުވަހުގެ ޖަލްސާގައި ޖައިޝަންކަރު ވިދާޅުވީ އިންޑިއާއަކީ ބޮޑު ބުލީއެއްގެ ގޮތުގައި ދެކޭ ކަމަށާއި މި ސަރަހައްދުގައި އެމީހުންނަށް ދިމާވާ މައްސަލައަކީ އެއް ގައުމަކާ ގުޅޭ މައްސަލައެއް ކަމަށެވެ.
"އަވަށްޓެރިން ހާލުގައި ޖެހިއްޖެ ހާލަތެއްގައި ބޮޑެތި ބުލީކުރާ މީހުން 4.5 ބިލިއަން ޑޮލަރު ނުދޭނެ. ބޮޑެތި ބުލީކުރާ މީހުން ކޮވިޑް ހިނގަމުން އަންނައިރު އެހެން ގައުމުތަކަށް ވެކްސިން ސަޕްލައި އެއް ނުކުރާނެ" އޭނާ ވިދާޅުވި އެވެ.
އަދި އިންޑިއާއަކީ ހަގީގީ ބުލީއެއް ނަމަ، ދުނިޔޭގެ އެހެން ހިސާބެއްގައި ހިނގަމުންދާ ހަނގުރާމައެއްގެ ސަބަބުން އެމީހުންގެ ދިރިއުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ބަޔަކަށް ކާބޯތަކެއްޗާއި ތެޔޮ އަދި ފާޓިލައިޒަރ ފޯރުކޮށްދިނުމުގައި އެގައުމުގެ އަމިއްލަ އުސޫލަށް ވެސް އިސްތިސްނާއެއް ނުކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި އަވަށްޓެރި ގައުމުތަކާ އެކު އިންޑިއާގެ ގުޅުން ބަދަލުވެފައިވާ ގޮތް ތަފްސީލުކޮށްދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، ނޭޕާލް، ބަންގްލަދޭޝް، ސްރީލަންކާ، ބޫޓާން އަދި ރާއްޖެއާ އެކު ވެސް ވިޔަފާރީގެ ގޮތުންނާއި އިންވެސްޓްމަންޓާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުވެފައިވާ ކަމަށެވެ.
ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެއްވެސް ގައުމަކަށް ރާއްޖެ "ބުލީ" ކުރުމުގެ ހައްގެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް މިހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
"އަހަރެމެން ކުޑަވެދާނެ، އެކަމަކު އެއީ އަޅުގަނޑުމެންނަށް ބުލީކުރުމަށް ދޭ ލައިސެންސެއް ނޫން،" އެ ވާހަކަ އަކީ ކޮން ގައުމަކަށް އަމާޒުކޮށްގެން ދެއްކި ވާހަކައެއް ކަން ސާފުކޮށް ރައީސް ވިދާޅެއް ނުވެއެވެ.


