ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އީސީގެ އިސްވެރިން މިއަދު ހާޒިރުކޮށް، އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަނީ އޮޅުންފިލުއްވާފައެވެ.
ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ މަޖިލިސް އިންތިހާބު ފަސްކުރުމާ ގުޅިގެން އިތުރު 560 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ.
އަދި ވޯޓާސް ލިސްޓަށް، ހާއްސަކޮށް މި 560 މީހުންނަށް އީސީން ޝަކުވާ ބަލައިގަންނަން ފަށާނީ އަންނަ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށެވެ.
ޒަކަރިއްޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 14 ވަނަ ދުވަހު ކޮމިޝަނުން ހުޅުވާލާނެ ކަމަށެވެ.
ޒަކަރިއްޔާ ވިދާޅުވި ގޮތުގައި މިއީ އާންމުކޮށް ހުޅުވާލާ ފުރުސަތެއް ކަމަށާއި އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހަކަށް ވެސް މި މުއްދަތުގެ ތެރޭގައި ރީރަޖިސްޓްރީ ކުރެވޭނެ އެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ ސްރީލަންކާ އާއި މެލޭޝިއާގައި ވޯޓު ފޮށި ބަހައްޓަން ބޭނުންވާ އަދަދަށް ވޯޓުލާން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓާނީ އެ ތަންތަނުގައި ވޯޓުލުމަށް ބޭނުންވާ އަދަދަށް މީހުން ރީރަޖިސްޓްރީ ކޮށްފި ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރަމަޟާން މަހު ގައުމީ އިންތިހާބު ބޭއްވުން މަނާކުރާ ބިލު ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން އީސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލި ބައްދަލުވުމެއް ބާއްވައިފަ އެވެ.
އިދިކޮޅު އެމްޑީޕީން ސްޕޮންސާކޮށްފައިވާ ބިލު ތަސްދީގު ކުރަން ގާނޫނު އަސާސީން ރައީސަށް މަޖުބޫރުވީ އެ ބިލް ރައީސް ބޭރުކޮށްލުމުން ދެވަނަ ފަހަރަށް އަޣުލަބިއްޔަތުން އެ ބިލް ފާސްކޮށްފައިވާތީ އެވެ.


