ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޚިޔާނާތުގެ މައްސަލައިގައި، އެ ކުންފުނީގެ 11 މިލިއަން ރުފިޔާ އާރްޑީސީގެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންނާއި އޭސީސީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ފުލުހުން ބުނީ އާރުޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު މައްސަލަ ތަހުގީގު ކުރަނީ އޭސީސީއާ ގުޅިގެން ކަމަށާއި 2022 ސެޕްޓެންބަރު މަހު ހުށަހެޅުނު މި މައްސަލާގައި އާރުޑީސީގެ ގިނަ މުވައްޒިފުންތަކެއް ބައިވެރިވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަަމަށެވެ.
އެގޮތުން އާރުޑީސީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރުމަތިން 14 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"އެއީ 11 މިލިއަން ރުފިޔާގެ ވާހަކަ މިދައްކަނީ. އެހެންވެ، ގިނަ ޓްރާންސެކްޝަންތަކެއްގެ ވާހަކަ މި ދެއްކެނީ. މިއީ ވަރަށް ގިނަ ބަޔަކު ބައިވެރިވާ ކަމެއް މިއީ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެތައް މިލިއަން ރުފިޔާއެެއް އެހެން އެކައުންޓްތަކަށް ވެސް ފޮނުވާފައިވާ ކަމަށެވެ. މި ހިޔާނާތުގައި ގާތްގަނޑަކަށް 15 މީހަކު ބައިވެރިވާ ކަމަށް ލަފާކުރެވޭ ކަމަށާއި މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން ތަނެއް ބަލާ ފާސްކޮށް ގިނަ އަދަދެއްގެ ލިޔެކިޔުން ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީސީން ވަނީ އެ ފައިސާ އަމިއްލަ ބޭނުންތަކުގައި ބޭނުންކޮށްފައިވާކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ބުނެފަ އެވެ.


