ދިވެހި ދައުލަތުގެ އަމިއްލަ ވަސީލަތްތައް ގާއިމުކޮށްގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ މަސައްކަތް މިމަހު ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރ. މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑުކަމަށާއި ހުރިހާ ރަށްތަކެއްގެ ބިން އެއްކޮށްލުމުން ވެސް ކަނޑުގެ ސަރަހައްދުގެ ބޮޑުމިނާ ގާތް ނުކުރާކަމަށެވެ.
އަދި ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މިއަދާ ހަމައަށްވެސް ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށާއި އެގޮތަށް ދިމާވީ އަމިއްލަ ގާބިލްކަން ގާއިމުކޮށްފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ.
"އެ ސަރަހައްދު، [އީއީޒެޑް] ރާއްޖޭގެ ސަރަހައްދު ކަމުގައި ވިޔަސް މިއަދާ ހަމައަށް އައިއިރުގައި އަޅުގަނޑުމެންގެ އެއްވެސް ބާރެއް އަމިއްލަ ބާރެއް ނެތް އެ ތަންތަން ބެލެހެއްޓުމުގެ ކެޕޭސިޓީއެއް،" އެއީ މަސްވެރިކަަމުގެ ތެރެއިން އިގްތިޞާދު ފުޅާކުރެވެން އޮތް ބޮޑު ސަރަހައްދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ސަރަހައްދު ދިވެހިންނަށް އަމިއްލަ ނުބެލެހެއްޓޭނަމަ ހަގީގީ މިނިވަންކަން އިހްސާސް ނުކުރެވޭނެ ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ މިވެރިކަމުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާ ގުޅިފައިވާ މިފަދަ ކަންކަމަށް އިސްކަންދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.


