ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރާއްޖޭގެ އުތުރުގެ ތިން އަތޮޅަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ބުރާސްފަތި ދުވަހު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ވަނީ ހއ، ހދ، ށ، އަދި ނ، އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވާފައެވެ.
އަދި ހއ، ހދ އަދި ށ އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ނ އަތޮޅުން އެންމެ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ޑަބްލިއުޑީސީތަކާ ރައީސް ބައްދަލުކުރެއްވިއެވެ.
މި ބައްދަލުވުންތަކުގައި އެރަށްރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުން ރައީސް މަޝްވަރާކުރެއްވިއެވެ.
އުތުރުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ރައީސް ވަނީ ދެކުނުގެ ހަތަރު އަތޮޅަކަށް ވެސް ޒިޔާރަތް ކުރައް އެވެ. ސ، ޏ، ތ، ގއ އަދި ގދ އަށް ކުރެއްވި މި ދަތުރުފުޅުގައި ސ، ޏ، ތ އަދި ގއ އަތޮޅުގެ ރަށްރަށުގެ ހުރިހާ ކައުންސިލްތަކާއި ޑަބްލިއުޑީސީތަކާ ބައްދަލުކުރެއްވިއިރު، ގއ އަތޮޅުން ދެ ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ހުރިހާ ކައުންސިލްތަކާއި ޑަބްލިއުޑީސީތަކާ ރައީސް ބައްދަލުކުރެއްވިއެވެ.
ރައީސް އޮފީހުން ބުނީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ އަދަދެއްގެ ރަށްރަށަށް ޒިޔާރަތްކޮށް ކައުންސިލްތަކާ ބައްދަލުކުރުމުގެ ބޭނުމަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގައި މަދުވެގެން ދެ ފަހަރެއްގެ މަތިން ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަކީ އަމާޒެއް ކަމަށެވެ.


