މާލޭގައި ބޭނުންކުރާ އެއްގަމު އުޅަނދުތައް މަދުކުރުމުގެ ގޮތުން ކުރިން ބޭނުންކޮށްފައި ހުންނަ އުޅަނދުތައް އަލުން އަނބުރާ ގަތުމުގެ ފުރުސަތު ދިނުމަށް "ވެހިކަލް ބައިބެކް" ޕްރޮގްރާމެއް އަންނަ އަހަރު ފަށާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަ ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ރާއްޖެއަށް ޚާއްސަކޮށް މާލޭގައި އެއްގަމު އުޅަނދު މަދުކުރުމަށް ކުރައްވާ މަސައްކަތްތައް ހާމަކުރައްވާފައެވެ. އެގޮތުން އެ ވުޒާރާއިން 11 ކަމެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވީ "ވެހިކަލް ބައިބެކް" ޕްރޮގްރާމު ފެށުމަށްޓަކައި ވަކި ހާއްސަ ޑިޕާޓްމަންޓެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރަށް ހާއްސަކޮށްގެން 500 މިލިއަން ރުފިޔާގެ ބަޖެޓެއް މި ޕްރޮގްރާމަށް ހަމަޖެއްސުމަށްޓަކަށް ކަމާ ގުޅޭ ލިޔުންތައް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
" މިއީ އޮސްޓްރޭލިއާ ސިންގަޕޫރް ފަދަ ޤައުމުތަކުން މީގެ 12 ވަރަކަށް އަހަރު ކުރިން ކޮށްފައިވާ ކަމެއް. ޒުވާން ކުދިންތަކެއް ހަދާފައިވާ ދިރާސައިން %18 އާއި %22 ވެހިކަލް އޮންދަ ސްޕޮޓްގައި ވެލުއޭޝަން ހަދާފައި ފައިސާ ދޭކަމުގައި ވަނީނަމަ ދޫކޮށްލާ. އެގޮތަށް ކަނޑައެޅުމުން މިހާރު އޮތް ހާލަތު އިތުރަށް ގޯސް ވިޔަ ނުދީ ހިފެހެއްޓޭނެ." ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މީގެ ކުރިން ދުވާލެއްގެ މައްޗަށް އެތައް ވެހިކަލެއް ރަޖިސްޓްރީ ކުރެވެމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވިއްޖެކަން ވަޒީރު ފާހަގަކުރެއްވިއެވެ.


