ޕީޕީއެމުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުލްގައްޔޫމު އުފައްދަވަން ނިންމެވި، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ އަދަދަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅައިފިއެވެ.
ޖަލު ހުކުމުން ގޭބަންދަށް ބަދަލުކޮށްފައި ހުންނެވި ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ މުއައްސިސްކަމުގައި، ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީން ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ. ހަފުތާއެއް ތެރޭގައި ރެޖިސްޓްރީކުރަން ބޭނުންވާ އަދަދު ހަމަކޮށް ހުށަހަޅާނެ ކަމަށް އޭރު ބުނި ނަމަވެސް ފަހުން ވަނީ އެ މަސައްކަތް ފަސްކޮށްފަ އެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވެސް މިއަދު ވިދާޅުވީ، ޕީއެންއެފްގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުސްވި ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އީސީން ހުއްދަ ދީފައިވާ އިރު، ޒެއިންގެ ފަރާތްޕުޅުން، ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގައި، އެ ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް 3060 ފޯމު އީސީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި މަދުވެގެން 3000 މެންބަރުންގެ ފޯމުގެ ސައްހަކަން ކަށަވަރުވުމުން، ލަހެއް ނުވެ، ޕާޓީ އުފެއްދުމަށްޓަކައި ޖަލްސާ ބޭއްވުމުގެ ހުއްދަ ޒެއިން އަށް އަރުވާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ.
ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވެފައިވާ ގޮތުގައި ޕީއެންއެފް އުފެއްދުމަށް އީސީއަށް ހުށަހަޅާނީ ޔާމީން މިނިވަންވުމުންނެވެ. އެއީ، ޕާޓީ އުފައްދަން ބާއްވަން ޖެހޭ ޖަލްސާގައި ޔާމީންގެ ބައިވެރިވުން މުހިންމު ކަމަށް އެ ޕާޓީން ދެކޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަލީހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންއެފް އުފެއްދުމަށް ބޭނުންވާ އަދަދަށް އީސީއަށް މިހާރު ފޯމު ހުށަހަޅާފައިވާ ކަމަށާއި އުއްމީދަކީ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީން ވީހާ އަވަހަކަށް ލިބުން ކަމަށެވެ.
ޕީއެންއެފްއަކީ ޔާމީން އިސްކޮށް ހުންނަވައި އުފައްދަވާ ތިން ވަނަ ޕާޓީ އެވެ. އެންމެ ފުރަތަމަ ޕާޓީއަކީ ޕީއޭ އެވެ. ޕީޕީއެމްގައި ހުންނެވީ އޭގެ ފަހުންނެވެ. އެ ޕާޓީން ރާއްޖޭގެ ރައީސަކަށް އިންތިހާބުވެވަޑައިގެން ސަރުކާރު ހިންގެވުމުގައި އަމަލުކުރެއްވި ގޮތުން، ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ޕީޕީއެމް ގެއްލިދާނެ ކަމުގެ ބިރަށް ޔާމީން އުފެއްދެވީ ޕީއެންސީ އެވެ.


