Tuesday, 28 July 2026

ގައުމުގެ ހާލަތު ބަދަލު ނުކޮށްފިނަމަ ރައްޔިތުންނަށް އޮޅުވާލަމުން ދާނެ – ސޯލިހް

ގައުމުގެ ހާލަތު ބަދަލު ނުކޮށްފިނަމަ ރައްޔިތުންނަށް އޮޅުވާލަމުން ދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު 17 ގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕެއިނު ރަސްމީކޮށް ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ މިސްރާބު ހަމަމަގުން ނައްޓާލައިފައިވާ ކަމަށާއި މިސްރާބު ހަމަމަގަށް އެޅުމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރަން ކުރެވެން އޮތް ހުރިހާ ކަމެއް އެމްޑީޕީން ކުރަންޖެހޭ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީއަށް ފަހު އެމްޑީޕީއަށް ކުރިމަތިލާން ޖެހުނީ ވަރަށް ތަފާތު ތަޖުރިބާތަކެއް ކަމަށް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އަދި  ގައުމުގެ ހާލަތު އެންމެންނަށް އިހުސާސް ކުރެވޭ ކަމަށާއި ބަލަން ތިބެވެން ނެތް ކަމަށް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

"ބަލަން ތިބެވޭކަށް ނެތް. މިސްރާބު ކަސިޔާރުވެ ހަމަމަގުން ނައްޓާލައިފި. ދޮގު ހަދައިފި އޮޅުވާލައިފި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ، އެމްޑީޕީއަށް ކުރިމަތިވާ ކޮންމެ ދަތި ދަނޑިވަޅެއްގައި އެމަނިކުފާނު ހުންނަވާނީ އެ ޕާޓީގެ އެންމެ އިސް ސަފުގައި އެކަން ހަމަ މަގަށް އަޅުވަން ކަމަށެވެ.

މީގެއިތުރުން މިފްކޯ އެސްޓީއޯއިން ވަކިކުރުން ރަނގަޅު ނޫން ކަމަށާއި އެސްޓީއޯގެ ދަށުގައި އޮތް ނަމަ މަސްވެރިންނަށް ފައިސާ ދޭނެ ގޮތް ހޯދޭނެ ކަމަށް ވިދާޅުވެ ސޯލިހު ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވެފަ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *