Tuesday, 28 July 2026
ބަންޑާރަނައިބު މުހައްމަދު އުޝާމް / ފޮޓޯ: މިހާރު

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ކުންފުނިން ރާއްޖެއަށް 34 މިލިޔަން ރުފިޔާ ދެއްކުމަށް އާބިޓްރޭޝަނުން އަންގައިފި

ކޮވިޑް ތެރޭ ރާއްޖެއަށް ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެއަށް ފޯރުކޮށްދީފައި ނުވާތީ 2.2 މިލިއަން ޑޮލަރު (34.6 މިލިއަން ރުފިޔާ) އަށް ވުރެ ބޮޑު އަދަދެއް ދިވެހި ސަރުކާރަށް ދެއްކުމަށް އެ ކުންފުނީގެ މައްޗަށް އާބިޓްރޭޝަނުން އަންގައި މިއަދު މައްސަލަ ނިންމައިފި އެވެ.

ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރީ 2 އޭޕްރިލް 2020ގައެވެ. އެ އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިވާތީ އެ މައްސަލަ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅީ 19 ފެބްރުއަރީ 2023ގައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު އާބިޓްރޭޝަންގެ ރޫލިން ނުވަތަ ހުކުމް ނެރެފައިވާ ކަމަށެވެ. އެގޮތުން އެ ބަޔާނުގައި ބުނީ އާބިޓްރޭޝަނުން ނިންމާފައި ވަނީ ރާއްޖެއަށް ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.8 މިލިއަން ޑޮލަރު (29.1 މިލިއަން ރުފިޔާ) އެގްޒިކިއުޓާޒް އިން ސަރުކާރަށް ދެއްކުމަށެވެ. އަދި މެއި 2021ގެ ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް ކޮންމެ އަހަރަކަށް %2ގެ އިންޓަރެސްޓަށްވާ ފައިސާ ދައްކަންވެސް ހުކުމްކޮށްފައިވެއެވެ.

އޭޖީ އޮފީހުން ބުނީ، މި މައްސަލަ އާބިޓްރޭޝަންގައި ކުރިއަށްދިޔަ އިރު، އެގްޒިކިއުޓާސްގެ ފަރާތުން އެ މައްސަލައިގެ އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގެ އާބިޓްރޭޝަންގެ ހަރަދުގެ ގޮތުގައި އެ ކުންފުނިން ދައްކަންޖެހޭ ފައިސާވެސް ދައްކާފައިނުވާތީ، އެ ހުރިހާ ފައިސާއެއްވެސް ދެއްކީ ދިވެހި ސަރުކާރުން ކަމަށް ބުންޏެވެ.

މިއީ 2013 ވަނަ އަހަރު ރާއްޖޭގައި އުފެއްދި އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން މިފަދަ ބޮޑު މައްސަލައެއް ނިންމި ފުރަތަމަ ފަހަރެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *