ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ފުރަތަމަ ގުރޫޕް ފޭބުމަށް ތައްޔާރުވުމުގެ ގޮތުން އެ މީހުންގެ ބަދަލުގައި ރާއްޖެ އަންނަ އިންޑިއާގެ މަދަނީ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
އަންނަ މަހުގެ 10 ގެ ނިޔަލަށް އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ފަހު، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓް ދުއްވަން އެ ގައުމުގެ މަދަނީ މީހުން ބައިތިއްބަން ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކުރި ކަމަށް ބުނި ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވުމަށެވެ. އިންޑިއާ ސިފައިން ތިބީ އައްޑޫ ސިޓީގެ ގަން، ލ. ކައްދޫ އަދި ހދ. ހަނިމާދޫ ގައެވެ.
އެކަމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު، އައްޑޫ ގަމުގައި އޮންނަ ހެލިކޮޕްޓަރު އޮޕަރޭޓްކުރާ އިންޑިއާގެ މަދަނީ މީހުންގެ ޓީމު އިއްޔެ ހަވީރު ރާއްޖެ އައިސްފައިވާ ކަމަށާއި ރޭގެ ވަގުތެއްގައި އައްޑު އަށް ގޮސް އޮޕަރޭޝަންތައް ޓޭކްއޯވާ ކުރާނެ ކަމަށެވެ.
"އަދި ކަނޑައެޅިފައިވާ ތާރީހަށް އައްޑޫގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ދިވެހިރާއްޖެ އިން ފައިބާނެ އެވެ،" ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ލ. ކައްދޫ އާއި ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ 2 ޕްލެޓްފޯމުގައި ތިބި އިންޑިއާ ސިފައިން 10 މެއި 2024 ގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާ އެކު ފުރިހަމަކޮށް ނިންމުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މަޝްވަރާތަކާއި ކުރަންޖެހޭ ކަންކަން ޑިޕްލޮމެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ސަރުކާރުން މިދަނީ ކުރަމުންނެވެ،" ޑިފެންސް މިނިސްޓްރީގައި ބަޔާނުގައި ވެ އެވެ.


