ކޯޓުތަކުގެ ދެ ފަނޑިޔާރަކާއި ފުލުހުންނަށް އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ހައްޔަރުކޮށް ބަންދުގައި ބަހައްޓައިފި އެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓުން އާދީއްތަ ދުވަހު ނެރުނު އަމުރުގައި ބުނެފައި ވަނީ 22 އަހަރާއި 32 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ ޒުވާނާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާއިރު، ދިފާއީ ވަކީލަކު ހަމަޖެއްސުމަށް އެދުމުން އުމުރުން ދުވަސްވީ މީހާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
އަދި އެ ދެ މީހުންގެ މައްޗަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާކަން ވެސް އެ އަމުރުގައި ސާބިތުވާ ކަމަށާއި އޭގެ ތެރޭގައި ކޯޓުގެ ދެ ފަނޑިޔާރަކާއި ކުށުގެ ވެށީގައި ބައިވެރިވި މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިސަރަކަށް އިންޒާރު ދިނުން ވެސް ހިމެނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ މީހުންނަކީ ވެސް ޖިނާއީ ގިނަ ކުށްތަކެއްގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.


