Tuesday, 28 July 2026

އަނަސްގެ މަރު: ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތު ނުވެ، އެންމެން ސަލާމަތްވެއްޖެ!

އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސް މަރާލިކަން، އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާ ހަތް މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކުށް ސާބިތުނުވާ ކަމަށް ހުކުމް އިއްވީ އަޑުއެހުންތައް ނިންމާލިތާ ވެސް 10 މަސް ފާއިތުވި ފަހުންނެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ.

އަނަސް މަރާލި މައްސަލައިގައި ނުވަ މީހެއްގެ މައްޗަށް ދައުވާކުރިއެވެ. އޭގެ ތެރެއިން ދެ މީހަކީ ކުޑަކުދިން ކަމަށްވުމުން ދައުލަތުން ވަނީ އެ ދެ ކުދިންގެ ވަނަވަރު ސިއްރުކޮށްފައެވެ. އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ އުފުލާފައިވަނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، މާލެ އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު، މާލެއެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކޯޓުން އިއްޔެ އިއްވި ހުކުމްގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.

ދައުލަތުން ވަނީ އެ މީހުންނާ ދެކޮޅަށް ގިނަ އަދަދެއްގެ ސިއްރު ހެކިވެރިންނާއި ފުލުހުންނާއި ކިތާބީ ހެކި ހުށަހަޅައިފައެވެ. ސިއްރު ހެކިވެރިންގެ ތެރޭގައި އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ކުޑަކުދިން ހިމެނެއެވެ. ފުލުހުންގެ ތެރޭގައި ހިމެނެނީ އަނަސްގެ މަރުގެ މައްސަލައިގައި ފޮރެންސިކް އެވިޑެންސް ހޯދުމަށް މަސައްކަތް ކުރި ފުލުހުންނާއި، ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ އިތުރުން މައްސަލަ ތަހުގީގުކުރުމުގައި ބައިވެރިވި ފުލުހުންނެވެ. ކިތާބީ ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ފޮރެންސިކް އެވިޑެންސް ރިޕޯޓާއި އަނަސްގެ މެޑިކޯ ލީގަލް ރިޕޯޓެވެ. އަދި ވަނީ ސީސީޓީވީ ފޫޓޭޖުތަކަކާއި އިންޓެލިޖެންސް ރިޕޯޓު ހުށަހަޅައިފައެވެ.

މައްސަލާގައި ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖްތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްވެވި ހުކުމްގައި ވެ އެވެ. ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށް ވެސް ހުކުމްގައި ބުންޏެވެ. ހުށަހަޅާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަނީ ދައުވާ ލިބޭ ހަތް މީހުން ކަށަވަރު ކުރަން އިތުރު އެހެން އެއްވެސް ހެއްކެއް، ބާރު ދޭނެ ހެއްކެއް ވެސް ނެތް ކަމަށް ފާހަގަކޮށްފައި ވެ އެވެ.

އަދި ހެކިންނާއި ސިއްރު ހެކިވެރިންނާއި ހަބީރުންގެ ހެކިބަހުން ވެސް ކުށުގެ އަމަލު ހިންގާފައިވަނީ އެ ހަތް މީހުން ކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްގައިވެ އެވެ.

އަދި ވިދާޅުވީ ދައުވާ ލިބޭ މީހުންގެ ކޯލް ރިކޯޑުތަކަކީ ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓަކަށްވުމުން އެ ރިޕޯޓަށް ރިއާޔަތް ނުކުރެވޭނެ ކަމަށެވެ. ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި އަނަސްގެ މަރުގެ ތަހުގީގީ ރިޕޯޓަކީ ސިއްރުކޮށްފައިވާ އެއްޗަކަށްވުމުން އެ ރިޕޯޓުގައި ހުރި ކަންކަން ދައުވާ ލިބޭ މީހުންނަށް އެނގިފައިނުވާ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ. އަދި އެ ތަހުގީގީ ރިޕޯޓަކީ ހެކި ވަޒަން ކުރުމުގައި ބުރަދަން ދެވިދާނެ ރިޕޯޓެއް ކަމުގައި ނުބެލެވޭނެ ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާޒީ ނަދީމް ވިދާޅުވީ މި މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ ހެއްކެއް ކަމަށް ރިއާޔަތް ކުރެވިދާނެ ރިޕޯޓެއް ނޫން ކަމަށެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *