Tuesday, 28 July 2026

އަންނަ މަހުން ފެށިގެން ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރަނީ

މިފެށޭ މާރިޗު މަހުން ފެށިގެން ފުލުހުން އަދި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގައި މިރޭ އެމަނިކުފާނާ އާންމު ފަރާތްތަކުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ދެއްވި ޖަވާބުތަކުގެ ތެރޭގައި މި ސަރުކާރުން ފެއްޓެވުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ އެކި މަޝްރޫޢުތަކުގެ ތެރެއިން ގެދޮރު އެޅުމުގެ އެކިއެކި މަޝްރޫޢުތައް މާލޭސިޓީ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު ތެރޭގައި ފެށޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ހަފުތާ 14ގައި ހިމެނޭ 161 ވަޢުދުގެ ތެރެއިން 150 ވަޢުދުގެ %100 ހާސިލުކުރެވިއްޖެކަމާއި ބާކީހުރި ވައުދުތަކުގެ %80 އަށްވުރެ މައްޗަށް ހާސިލުކުރެވިފައިވާކަން ހާމަކުރައްވާފައެވެ. އަދި އިޤްތިޞާދު ހަރުދަނާކޮށް ފުޅާކޮށް، ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދިނުމާއި، ޕަރފޯމިންގ އާރޓިސްޓުންނަށާއި ފަންނުވެރިންނަށް މަގުފަހިކޮށްދިނުމަށް ޚާއްޞަ ވިލެޖެއް ނުވަތަ ސެންޓަރެއް ޤާއިމުކުރުމާއި، މެދުރާސްތާ އަދި ދުރުރާސްތާ ޕްލޭންއެއްގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުނިވަރސިޓީ ތަޢުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުންފަދަ އެކި މައުޟޫޢުތަކަށް އާންމުން ކުރެއްވި ސުވާލުތަކަށް ރައީސް ޖަވާބު ދެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ދުނިޔޭގެ ފެންވަރުގެ ރަނގަޅު ސަރފިންގ ސްޓޭޑިއަމެއް އެންމެ ލަސްވެގެން އަންނަ އަހަރު ހަދާނެކަމަށާއި، ޑްރިފްޓިންގ ސްޓޭޑިއަމެއް ހުޅުމާލޭގައި ޤާއިމުކުރުމަށް ގަސްތުކުރައްވާ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *