Tuesday, 28 July 2026

ދެވަނަ މާކެޓާސް ސަމިޓު 300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ފަށައިފި

300 އަށް ވުރެ ގިނަ ބައިވެރިންނާ އެކު ދެވަނަ މާކެޓާސް ސަމިޓް އެމްއެންޔޫގައި އިއްޔެ ފަށައިފިއެވެ.

މި ހަފްތާ ބަންދުގައި އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ފެށި މާކެޓާސް ސަމިޓުގެ ބައިވެރިންނަށް މާކެޓިންގެ މުސްތަޤްބަލު ބައްޓަންކުރާނެ ގޮތާއި، މާކެޓިން ސްޓްރެޓެޖީތައް ކިޔައިދީ މާކެޓިންނަށް އަހުލުވެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މާކެޓާސް ސަމިޓު ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މި ޕްރޮގްރާމުގެ ފައުންޑަރު އަދި ޑިރެކްޓަރު މުހައްމަދު ރޯޝަން ވިދާޅުވީ، މި ސަމިޓު ބޭއްވުމުގެ މަގްސަދަކީ، މާކެޓިންގެ ފަހުގެ ޓްރެންޑްތަކުގެ މައުލޫމާތު ހިއްސާކޮށް، މާކެޓިން ކޮމިއުނިޓީ ކުރިއަރުވައި އިތުރު ހަރުފަތަކަށް ގެންދިއުން ކަމަށެވެ.

ރޯޝަން ވިދާޅުވީ، ފުރަތަމަ ބޭއްވި މާކެޓާސް ސަމިޓު ކާމިޔާބު ކަމާ އެކު ކުރިއަށް ގެންދެވުމުގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރު ބޭއްވި ސަމިޓަށް ވުރެ މި އަހަރު ބާއްވާ ސަމިޓުގެ ބައިވެރިން އިތުރު ކަމަށެވެ.

ސަމިޓުގެ ބައިވެރިންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކައިގައި ރޯޝަން ވަނީ، މާކެޓިންގެ މަސައްކަތްކުރާއިރު ވިސްނުންތެރިކަމާ އެކު ނިންމުންތައް ނިންމުމަށާއި، މާކެޓިން އާ ގުޅުންހުރި މުހިންމު ނިންމުންތައް ނިންމާއިރު ލިބެން ހުރި މައުލޫމާތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ނިންމުންތައް ނިންމުމަށް ގޮވާލައްވައިފައެވެ.

މި އަހަރުގެ މާކެޓާސް ސަމިޓުގައި މާކެޓިންގައި ހަރަކާތްތެރިވާ 18 ބޭފުޅަކު ބައިވެރިންނާ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހަފްލާގައި އިތުރަށް ވާހަކަ ދެއްކެވީ ޗީފް ގެސްޓްގެ ގޮތުގައި ހަފްލާގައި ބައިވެރިވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޕްރިންސިޕަލް ސެކްރެޓަރީ އަބްދުﷲ ނާޒިމް އިބްރާހިމެވެ.
ނާޒިމްގެ ވާހަކަފުޅުގައި ވިދަޅުވީ އާ އުފެއްދުންތަކަށް މަސައްކަތްކުރާ މި ފަދަ ބައްދަލުވުމެއްގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ލިބުމަކީ ލިބިލެއްވި ޝަރަފެއްކަމުގައެވެ.

އަދި ނާޒިމް ފާހަގަކުރެއްވި ގޮތުގައި މި ފަދަ ހަލްފާތަކުގެ ސަބަބުން ޤައުމީ އަދި ދުނިޔޭގެ ފެންވަރުގެ މާކެޓިންގް ހަރަކާތްތަކުގެ މުސްތަގުބަލު ބައްޓަންކުރުމުގައި އިތުރު އެހީތެރިކަމެއް ލިބިގެންދެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *