ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބުގެ މަޤާމު އަދާކުރެއްވި ފައިސަލް ނަސީމް މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ. ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގެންފައިވަނީ މިއަދު އެ ޕާޓީއިން އެ ކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެެ.
މި ކަމާ ގުޅިގެން ކުރީގެ ރައީސް، އިބްރާހިމް މުޙައްމަދު ޞޯލިހު ވަނީ އެ މަނިކުފާނަށް ހޫނު މަރުޚަބާއެއް ވިދާޅުވެއެވެ. ރައީސް ޞޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ވެސް ފައިސަލްއަކީ ސިޔާސީ މައިދާނުގައި އެމްޑީޕީއާ ވަރަށް ގާތް ގުޅުމެއް ދެމެހެއްޓެވި، އަދި އެކިއެކި ހަރަކާތްތަކުގައި އެމްޑީޕީއަށް ވަރަށް ގާތުން އެހީތެރިކަން ފޯރުކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން އެންމެ ފަހުން ބޭއްވުނު މާލެ ސިޓީގެ މޭޔަރު ބައިއިލެކްޝަންގައި ވެސް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އާދަމް އާޒިމަށް ފައިސަލް ވަނީ ތާއީދު ކުރައްވާ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ފައިސަލް ވަނީ ޖުމްހޫރީ ޕާޓީގައި 15 އަހަރު ހަރަކާތްތެރިވެފައެވެ. ފައިސަލް އެ ޕާޓީއިން ވަކިވެވަޑައިގެންނެވީ ނިމިދިޔަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުއެވެ.


