ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށް އިންޑިއާ ސިފައިންތަކެއް ހަތިޔާރާ އެކީގައި މަސް ދޯނިތަކަށް އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން، ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރު ކުރި ބައްދަލުވުން ސިއްރުކޮށްފިއެވެ.
ކޮމިޓީ ސިއްރުކުރަން ނިންމީ ކޮމިޓީގެ ބައްދަލުވުން ފެށުމުގެ ކުރިން ޑިފެންސް މިނިސްޓްރީން މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. ކޮމިޓީން ވަނީ މިނިސްޓްރީގެ ސިޓީވެސް ސިއްރުކުރަން ނިންމާފަ އެވެ.
އިންޑިއާ ސިފައިން އަރައި ބިރު ދައްކާފައި ވަނީ "އަސުރުމާ-3″، "ނިރު-7″ އަދި "މާހޯރަ-3″ ދޯންޏަށެވެ. އިންޑިއާ ސިފައިން އެ ދޯނިތަކަށް އަރައި ބަލައި ފާސްކޮށް އެތައް ގަޑިއިރެއް ވަންދެން އެ ދޯނިތަކުގައި ހަތިޔާރާ އެކުގައި ހަރަކާތްތެރިވި ކަމަށް އެ މަސްވެރިން ބުނެފައިވެއެވެ.
އޭގެ ފަހުން މިމަހުގެ ފުރަތަމަ ދުވަހުގެ ރޭ އިންޑިއާ ސިފައިން "މާހޯރަ 3″ ދޯންޏަށް އެރި ކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވި އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި މައްސަލައިގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކޮށް ސުވާލުކުރަންވެސް މެންބަރަކު ވަނީ ހުށަހަޅުއްވާފަ އެވެ.


