Tuesday, 28 July 2026

ތިނަދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ތިނަދޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ތިނަދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ޕޭން ޕެސިފިކް ކޮމްޕެނީ ލިމިޓެޑާއެވެ.

ރޭގެ ބައްދަލުކުރެއްވުމުގައި ތިނަދޫ ސިޓީގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިވައިގެ ބަނދަރަކީ ވަރަށް ތަފާތު ޑިޒައިނެއް އޭގައި އެކުލެވޭ ވައިގެ ބަނދަރަކަށް ވެގެންދާނެކަމުގައެވެ. އެގޮތުން ވައިގެ ބަނދަރުގެ ޓަރމިނަލްއަކީވެސް އޯވަރ ވޯޓަރ ނުވަތަ ފެނުގެ މަތީގައި ގާއިމުކުރެވޭ ޓަރމިނަލަކަށް ވާނެކަމަށާއި އަދި އެއީ މުޅި އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެޅިގެންދާ ބާރަކަށްވެސް ވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ. މި މަޝްރޫޢުގެ ޕްރޮޕޯނަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕޭން ޕެސިފިކް ކޮމްޕެނީގެ ސީ.އީ.އޯ ޖިރާޓް ޕެތްނުންތަވޮންގް އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *