ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނިޓާސް ތަމްރީނު ޕްރޮގްރާމު ހުޅުމާލޭ، ޣާޒީ ސްކޫލު އަދި ރެހެންދި ސްކޫލުގައި ފަށައިފިއެވެ.
ފުލުހުން ވަނީ ފެބުރުވަރީ 17 އިން ފެށިގެން ހަ ދުވަހުގެ މުއްދަތަށް އެ ދެ ސްކޫލުގައި ވަކިވަކިން ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ ސްކޫލު ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން ބައިވެރިކޮށް އަދި އެކަމަށް ދަރިވަރުން ތަމްރީނުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ބުނެފަ އެވެ.
މި ޕްރޮގްރާމްގައި، ޓްރެފިކް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަމްރީނާއި، ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދިނުމަށް ސެލްފް ޑިފެންސް ކުލާސްތައް ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން ފުލުހުން ބުނީ، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާ އަދި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު ރިވެތި ބަހުން މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދޭނެ ކަމަށެވެ.
އެ ޕްރޮގްރާމުގައި ޣާޒީ ސްކޫލުގެ 17 ދަރިވަރުންނާއި ރެހެންދި ސްކޫލުގެ 43 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.


