Tuesday, 27 October 2026

ލޯނެއް ނަގާނީ ދިގު މުއްދަތަކަށް ބަހާލައިގެން ރާއްޖޭގެ އިޤުތިޞާދަށް ކަތާ މިންވަރަކަށް – ރައީސް

ލޯނެއް ނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެއްވިޔަސް މިސަރުކާރުން ކުރިއަށްގެންދާނީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އެމަޝްރޫޢަކުން އާރޯކަން އަންނާނެ ގޮތަށް ކަމަށާއި، އަދި އެނަގާ ލޯނެއްވެސް ނަގާނީ ދިގު މުއްދަތަކަށް ބަހާލައިގެން ވީހާވެސް ލުއިގޮތަކަށް އަދި ރާއްޖޭގެ އިޤުތިޞާދަށް ކަތާ މިންވަރަކަށް ކަމުގައިވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އިއްޔެ އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައިކަން ފާހަގަކުރައްވައި، މި ސަރުކާރަށް ކުރީ ސަރުކާރުން ޖުމްލަ 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައި އޮތްކަމަށާއި އެއީ މިއިން ޒަމާނަކު ރާއްޖޭގެ އިޤުތިޞާދު ނުވެއްޓޭ މިންވަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މީގެ ކުރިން ލޯނުތައް ނަގާފައި ވަނީ ރައްޔަތުންނަށް އޭގެ އެންމެ ފައިދާވާ ގޮތަށް ނޫންކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެގޮތަށް ކަމުގައި ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ވަނީ އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި އައްޑޫސިޓީގެ އެއާޕޯޓުގެ މަސައްކަތާއި، އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތްތަކާއި، އަދި ސީޕްލޭން ހަބަކާއެކު އައްޑޫސިޓީގެ ބްރިޖުގެ މަސައްކަތް ހިމެނޭހެން ހުރިހާ މަސައްކަތެއް އެކުއެކީގައި ރައްޔިތުން އެދޭގޮތަށް ކުރައްވައި ފުރިހަމަ ކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *