Tuesday, 28 July 2026

އެމްޑީޕީގެ ރައީސްކަމަށް ޝާހިދު ކުރިމަތިލައްވަނީ

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރިމަތިލައްވަން ނިންމަވައިފިއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވީ ދެ ދައުރުގައި އެ މަގާމު ފުރުއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމާ އެކު އެވެ.

އަބްދުﷲ ޝާހިދު ބޭނުންވާ ސޯޝަލްމީޑިއާ އެކައުންޓްތަކުގައި އެމަނިކުފާނު މިއަދު ވަނީ ރަސްމީކޮށް (އެމްޑީޕީ)ގެ ރައީސް ކަމަށް ކުރިމަތިލެއްވިކަން އިއުލާންކުރައްވާފަ އެވެ.

ޝާހިދު ވިދާޅުވީ އާ ފޯރިޔަކާއި އާ ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރަާއްޖެ އަލުން ގެންދިއުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެ ދިމާލަކުން މިއަދު އޮތީ ފެންނަން ކަމަށެވެ.

‏"ލޮބުވެތި މެމްބަރުންގެ ތާއީދާ އެއްބާރުލުން އަޅުގަނޑަށް ދެއްވުން އެދެމެވެ،" ރައީސް ނަޝީދުގެ ވެރިކަމުގައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް ކަމަށް ހުޅުވާލާފައިވާއިރު، މިހާތަނަށް އެހެން ބޭފުޅަކު އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެ އެވެ.

މިހާރު އެމްޑީޕީގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަމެއް އެ މަނިކުފާނު ވެސް ހާމައެއް ނުކުރައްވަ އެވެ.

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *