Tuesday, 28 July 2026

"އިސްރަށްވެހިންގެ ނާދީ" ހުޅުވައިފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އިޖުތިމާއީ މަރުކަޒު މިއަދު ހުޅުވައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ޚާއްސާ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.

މިމަރުކަޒު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވައި ވިދާޅުވެފައިވަނީ ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ދިވެހިންގެ އަސާސްތަކުގެ މަތިން ހަނދާން ބަހައްޓަން ޖެހޭކަމަށާއި، އެގޮތުން އިސްލާމް ދީނާއި ދިވެހިބަހާއި ސަގާފަތާއި އާދަކާދަތަކަށް އޭގެ ފުރިހަމަ ގޮތުގައި އިހުތިރާމު އަދާކޮށްގެން ކުރިއަށް ދާންޖެހޭނެކަމުގައެވެ. އަދި މި މަރުކަޒަކީވެސް ޤައުމީ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް ވާނެ ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާކަމަށާއި އަދި މަރުކަޒުގެ ފުރިހަމަ ބޭނުން ހިފުމަށް އިސްރަށްވެހިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާކަމަށެވެ.

އަދި ހަމައެހެންމެ އިސްރަށްވެހިންނަށް ދޭންވާ އިސްކަން ސަރުކާރުން ދެއްވާނެކަމަށާއި އަދި އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަމާއި ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.

މިއީ ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ޚިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ޤާއިމުކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވާ މަޝްރޫއުގެ ތެރެއިން ފުރަތަމަ ހުޅުވުނު މަރުކަޒެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *