މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ބަހައްޓާފައި ހުރި އެއްގަމު އުޅަނދުތައް ޓޯކޮށް، ނައްތާލުމުގެ މަސައްކަތް ފަށައިފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި އެމްޓީސީސީ އާއި އެޗްޑީސީ އަދި ވެމްކޯ ގުޅިގެންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް މިނިސްޓްރީން ކުރާ މަސައްކަތުގެ ދަށުން ފަށާ މަސައްކަތެއް ކަމަށެވެ.
މި މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަދުވަސްވަންދެން ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އެ އުޅަނދުތައް މަގުމަތިން ނަގައި ނައްތާލުމުގެ މަސައްކަތް ކުރާނެ ކަމަށްވެސް ޓްރާންސްޕޯޓުން ބުނެފައި ވެއެވެ.
އެގޮތުން މާލެ ހުޅުމާލެ މަގުމަތީގައި މިހާރު ބަހައްޓާފައިވާ އުޅަނދުތަކުގެ ތެރެއިން އުޅަނދުގެ ވެރިފަރާތުން އެ އުޅަނދެއް ނައްތާލަން ބޭނުންވެ އެހެންނަމަވެސް އެ ފުރުސަތު މިހާރު ލިބިފައިނުވާ ފަރާތްތަކަށް މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތް އަދި ވެމްކޯއާ ގުޅިގެން އެ މަސައްކަތް ކުރިޔަށް ގެންދޭވެނެއެވެ.
އެކަމަށް ހާއްސަކޮށް މިނިސްޓްރީން ވަނީ ހާއްސަ އެޕްލިކޭޝަން ފޯމެއްވެސް ތައާރަފުކޮށްފައެވެ. އުޅަނދުތައް ނަގަން ވެރިފަރާތަށް 60 ދުވަހުގެ މުއްދަތެއް ދޭނެއެވެ. އެއަށް ފަހު އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރުމަށްފަހު އެ ތަކެތި ނައްތާލާނެއެވެ.
މާލެ އާއި ހުޅުމާލޭގެ މަގުތަކަށް އުކާލާފައިވާ، ބާވެ، ގިނަ ދުވަހު ނުދުއްވާ ހުންނަ ވެހިކަލްތައް ނެގުމުގެ މަސައްކަތް މީގެ ކުރިން ވެސް ކޮށްފައިވެ އެވެ.


