ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ޑީސީޕީ) ގެ މަގާމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފުކުރީ އާއި އިސްމާއިލް ނަވީން މިއަދު އައްޔަން ކުރައްވައިފި އެވެ.
ވެރިކަން ބަދަލުވުމާ ގުޅިގެން ކުރިން އެ މަގާމުގައި ހުންނެވި އަބްދުލް މަންނާން ޔޫސުފާއި އަލީ ރަޝީދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ..
ހުކުރު ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަރުހާދާއި ނަވީން އަށް ޑީސީޕީގެ މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ.
ފަރުހާދު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިވަޑައިގަތީ 1991 ވަނަ އަހަރުގެ މާރޗް މަހުގެ 30 ވަނަ ދުވަހުއެވެ. ސިފައިންގެ ވަޒީފާގައި ހޭދަކުރި 32 އަހަރުގެ ތެރޭގައި ފަރުހާދު ވަނީ ސިފައިންގެ އެކި ސްޕެޝަލައިޒޭޝަންތަކުގައި މަސައްކަތް ކުރައްވާފައެވެ.
މިގޮތުން އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި އިދާރީ އެހީތެރިކަމާއި ގުޅޭ ގޮތުން މަސައްކަތް ކުރައްވާފައިވެއެވެ. ޑީސީޕީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ އޮޕަރޭޝަން ސަޕޯޓް ކޮމާންޑާއި ޕީޕަލްސް ޑައިރެކްޓްރޭޓްގެ އެކްޓިން ހެޑްގެ މަގާމުގަ އެވެ.
ޑީޕީސީގެ މަގާމަށް އައްޔަން ކުރެއްވި ނަވީން އެ ފޯސްއާ ގުޅިވަޑައިގަތީ 1994 ވަނަ އަހަރުގެ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެވެ. ނަވީން ސިފައިންގެ ހިދުމަތުގައި ހޭދަކުރެއްވި 29 އަހަރުގެ ތެރޭގައި – އެ ފޯސްގެ އެކި ސްޕެޝަލައިޒޭޝަންތަކުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އެކި ޑިޕާޓްމަންޓްތަކުގެ ހެޑްގެ މަގާމު ފުރުއްވަމުން ގެންދެވީ ހިންގުމާއި އިދާރީ އެހީތެރިކަމާ ގުޅޭ ގޮތުންނެވެ. ޑީސީޕީގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ހެޑް އޮފް ކޯޕަރޭޓް ސާވިސަސް ޑައިރެކްޓްރޭޓްގެ މަގާމުގަ އެވެ.
ނަވީން މީގެ ކުރިން ވަނީ ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލައްވާފަ އެވެ. ނަމަވެސް ފުލުހުންގެ ބޯޑުން ވަނީ އެ މަގާމަށް މިހާރުގެ ކޮމިޝަނަރު އަލީ ޝުޖާއު ގެނައުމަށް ލަފާ ދީފަ އެވެ.
ރަސްމިއްޔާތަށްފަހު އެކްސްގައި މިނިސްޓަރު އަލީ އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުރިއެރުމަށާއި ސަލާމަތީ ކަންކަމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ފަރުހާދާއި ނަވީން މުހިންމު ދައުރެއް އަދާކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.


