ގުރުއާނާ ބެހޭ ގައުމީ މަރުކަޒުގެ ގޮތްޕެއް ހުޅުމާލޭގައި ހިންގުމަށް ކޮމާޝަލް ޔުނިޓްއެއް ދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ގުރުއާނާ ބެހޭ މަރުކަޒުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް، އެ މަރުކަޒަށް ކޮމާޝަލް ޔުނިޓެއް ހަވާލުކޮށްފައި ވަނީ އެކޯޕަރޭޝަންގެ ސީއެސްއާރުގެ ދަށުން، ކުލި ނުނަގާ ގޮތަށް ކަމަށެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރެޝަނުގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދާއި، ސީއެފްއޯ އަހްމަދު ޝާމްއެވެ. އަދި ގުރުއާނާއި ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިމާމް އަބްދުލް ޖަލީލް އިސްމާއިލް އަދި އިމާމް އަބްދުﷲ ރަޝީދެވެ.
ގުރުއާނާއި ބެހޭ މަރުކަޒުގެ ހުޅުމާލޭގެ ގޮތްޕަށް ހަވާލުކުރި ކޮމާޝަލް ޔުނިޓް އެ މަރުކަޒާ ހަވާލުކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް އެއްވެސް ފީއެއް ނުނަގާ ގޮތަށް ކަމަށް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ގާއިމްކުރެވޭ ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިން ގިނަ ހިދުމަތްތަކެއް ފޯރުކޮށްދޭނެއެވެ. އަދި އެ މަރުކަޒުގެ ހިދުމަތްތައް ހޯދުމަށް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަ ލިބިގެން ދާނެކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.


