Tuesday, 28 July 2026

މިއަހަރު މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަން މަސައްކަތް ކުރާނަން – ރައީސް

މި އަހަރުގެ ތެރޭގައި ކ. މާފުށީގައި ޑޮލަރު އޭޓީއެމް ބަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ ސުވާލުތަކަށް ރައީސް ސީދާ ޖަވާބު ދެއްވާ "ރައީސް ޖަވާބު" ވީޑިއޯގައި، މާފުށީގެ ރައްޔިތެއްގެ ސުވާލަކާ ގުޅިގެން ރައީސް ވިދާޅުވީ، އެ ރަށުގައި ޑޮލަރު އޭޓީއެމް ހުޅުވަން ބީއެމްއެލްއާ އެކު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން ބީއެމްއެލްއާ ވާހަކަ ދައްކައިގެން އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އަޅުގަނޑުގެ ޓާގެޓަކީ ވީހާވެސް އަވަހަކަށް އޭޓީއެމް ބެހެއްޓުން. ވަރަށް މަސައްކަތް ކުރާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މާފުށީގައި އޭޓީއެމް ހުޅުވުމުގެ އިތުރުން އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިއަހަރު ނުފެށުނު ނަމަވެސް، ބޭނުންވަނީ އެކަން ވެސް ވަރަށް އަވަހަށް ފެށުމަށެވެ. ދައުރުގެ ފަހު އަހަރަށް މަސައްކަތްތައް ނުބަހައްޓައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަށް ފުއްދަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ކ. ގުރައިދޫ އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ، އަތޮޅު ތެރޭގެ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓާނެ އެއް ރަށަކީ މާފުށި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *