Tuesday, 27 October 2026

ގުޅިފަޅު ހިއްކުން ހުއްޓުވި މައްސަލަ އިސްތިއުނާފު ކުރަނީ

ކ. ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ހައިކޯޓުން މިއަދު ކުރި އަމުރު، ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި ހައި ކޯޓުން ބުނީ، އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އެ މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި އަންގާފައިވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅިފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން އަންގާ ކަމަށެވެ.

އެކަމާއި ގުޅިގެން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ގުޅިފަޅު ތަރައްގީ ކުރުމަކީ އެތައް ބިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށެވެ. އެ ތަނުން ހިއްކަން ހަމަޖައްސާފައިވާ ބިމުގެ 80 ޕަސެންޓް މިހާރު ނިމިފައިވާއިރު، ވަކި ހިސާބަކުން އެ މަސައްކަތް ހުއްޓާލުމަކީ ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ. ދައުލަތުގެ ފަރާތުން މި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފައި،" އުޝާމްގެ ޕޯސްޓުގައިވެ އެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާކަަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަން އެދި އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު ހުށަހެޅި މައްސަލައިގައި އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެނުދިނުމުން އޭނާ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ.

އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާއަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދެ އެވެ.

 

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *