އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މީހުންގެ ތެރެއިން 4،000 އަށްވުރެ ގިނަ މީހުންގެ ވޯޓުގެ ސިއްރު ގެއްލޭތީ އެ މީހުން އަލުން ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
އެ ކޮމިޝަނުން ހާމަކުރި ގޮތުގައި މާރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ ގޮތުން 4،651 މީހެއްގެ ވޯޓުގެ ސިއްރުކަން ގެއްލެ އެވެ.
އީސީން ބުނީ ކުރިއަށް މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ވޯޓު ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުން އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިއަދު ހެނދުނު 8:30 އިން މާދަމާ ހަވީރު 4:00 އަށް ހުޅުވާފައިވާ ކަމަށެވެ.
މީގެ އިތުރުން ވޯޓުފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ނުވާތީ ވޯޓުފޮށި ނުބެހެއްޓުމަށް ނިންމި ތަންތަނަށް ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުން އެހެން ވޯޓު ފޮއްޓަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތުވެސް އެ ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ރަޖިސްޓްރީ ނުވާތީ ހުޅުލެ-1 ވޯޓުފޮށީގެ އިތުރުން 17 ރިސޯޓާއި ރާއްޖެއިން ބޭރުގެ ހަތަރު ގައުމެއްގައި ވޯޓު ފޮށި ނުބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.


