Tuesday, 28 July 2026

ވަރލްޑް ގަވަރމަންޓް ސަމިޓް 2024ގައި ރައީސް ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގެންފިއެވެ. މި މަހުގެ 12 އިން 14 އަށް ކުރިއަށްގެންދާ މި ސަމިޓް ކުރިއަށްދަނީ ދުބާއީގެ މަދީނަތު ޖުމެއިރާގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި ޢަރަބި އިމާރާތުގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ވަރލްޑް ގަވަރމަންޓްސް ސަމިޓްގެ ތީމަކީ "ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް" އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެއެވެ.

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ތަސައްވުރު އިޢުލާން ކުރައްވާފަ އެވެ.

އެގޮތުން ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ތަޤްރީރު ދެއްވަމުން ރައީސް ވަނީ އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ހިންގުމުގެ ދާއިރާ ހަރުދަނާކޮށް ގުޅިގެން މަސައްކަތް ކުރުމުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަރުކާރާއި ވެރިން ދައްކަވާ ނަމޫނާ ފާހަގަ ކުރައްވައި، އެކަމަށް ތަޢުރީފު ކުރައްވާފަ އެވެ.

އަދި ވިޒިޓަރ އިކޮނޮމީ ކޮންސެޕްޓްގެ ދަށުން އިޤްތިޞާދީ ދާއިރާއިން ދެމެހެއްޓެނިވި ތަރައްޤީ ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފްރީ ޒޯނަކާއެކު ސެންޓްރަލް މެރިޓައިމް ބަނދަރެއް ތަރައްޤީކުރުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ފުޅާކުރުމާއި، ދިވެހިރާއްޖޭގެ އެންމެ އުތުރުގައި ބައިނަލްއަގުވާމީ ޝިޕިންގ ރޫޓެއް ޤާއިމުކޮށް، ކަނޑު ދަތުރުފަތުރާއި ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫއުތައް ހިންގުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޤްތިޞާދީ ތަރައްޤީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެ މަސައްކަތުގެ ފެށުމެއްގެ ގޮތުގައި ރަސް-މާލެ އިކޯ-ސިޓީ މަޝްރޫޢު ފަށާފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢު ފެށުމުގެ އަމާޒަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް 65،000 ހައުސިންގ ޔުނިޓް ފޯރުކޮށްދީ، ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އާ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައަޅައި ކުރިއެރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތައް ތަރައްޤީ ކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގެ މާހައުލާއި، މޫސުމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި އިޢާދަކުރަނިވި ހަކަތަ 33 އިންސައްތައަށް އިތުރުކުރުމާއި، ދިވެހިރާއްޖޭގައި ބަޔޮސްފިއަރ ރިޒަރވްތަކާއި ނޭޗަރ ޕާކްތައް އިތުރުކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމާއި، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ޤާއިމްކުރުމަށްޓަކައި ވަރޓިކަލް ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ހޯދުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި ފިޔަވަޅު އެޅުމަށް އިސްކަންދީ، 20 އަހަރަށް އެކުލަވާލާ ތަރައްޤީގެ ޕްލޭނެއް ތަންފީޒުކުރުން ހިމެނޭކަން ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *