Tuesday, 28 July 2026

ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްއާ  ބައްދަލުކުރައްވައިފިއެވެ.

އިއްޔެމި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޢިއްޒާއި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ ދެޤައުމުގެ މަސްލަހަތު ހިމެނޭ އެކިއެކި ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެމެދު ވިޔަފާރީގެ ދާއިރާއިންނާއި، ފަތުރުވެރިކަމާއި ތަރައްޤީގެ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުން ހިމެނެއެވެ.

މީގެ އިތުރުން ބައިނަލްއަޤްވާމީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ދިވެހިރާއްޖެއާއި އެކުވެރި ޢަރަބި އިމާރާތާ ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސް ޑރ. މުޢިއްޒާއި، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *