ތުރުކީގައި ދިވެހިރާއްޖޭގެ އެމްބަސީ ޤާއިމްކޮށް، އެ އިދާރާއަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. އެމަނިކުފާނު މި އިދާރާ އުފެއްދެވިކަން އިއްޔެ ރައީސް އޮފީހުން ވަނީ އިއުލާންކޮށްފަ އެވެ.
"ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އެމްބަސީއެއް ރައީސް އުފެއްދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ.
އަދި މި އެމްބަސީ އުފެއްދުމުގެ މަޤްސަދަކީ ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިޤުތިޞާދީ، އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުންކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ
ރައީސް އޮފީހުން ވަނީ ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސެވި މަސައްކަތްތައް ވެސް ހާމަކުރައްވާފަ އެވެ.


