ތިލަފުށީގެ މާސްޓާޕްލޭނާ އެއްގޮތަށް އެ ރަށު ދެވަނަ ފިޔަވައްސައް އިތުރުކުރާ ބިން ހިއްކައި ނިމިއްޖެ އެވެ.
ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީކުރުމަށް އެރިއާ އޭ، ބީ، އީ އަދި އެފް ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޗައިނާ ހާރބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އެޗްޑީސީ އިން މިއަދު ބުނީ ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ "އޭ"، "ބީ"، "އީ" އަދި "އެފް" ހިއްކުމުގެ މަސައްކަތް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 120 ހެކްޓަރު ވަނީ ހިއްކާފަ އެވެ.
އަދި މިހާރު ކުރިއަށް ދަނީ އޭރިއާ އީ ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކަމަށް އެޗްޑީސީން މައުލޫމާތު ދެ އެވެ.
އެޗްޑީސީ އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްޤީއަށް އެ ކުންފުނިން ހިންގޭ މުހިއްމު މަޝްރޫޢުތައް ހެދިފައިވާ ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް މިކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށްކަން އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.


