މާކެޓާސް ސަމިޓް 2024 ގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ހޮނިހިރު ދުވަހު އެމްއެންޔޫގެ ބިޒްނަސް ސްކޫލްގައި ބޭއްވުނު މިހަފްލާގައި 30 އޮފިޝަލް ޕާޓްނަރުންނާއި ސްޕޮންސަރުން ސޮއިކޮށްފައިވެއެވެ.
މިއަހަރުގެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އާއި 24 ވަނަ ދުވަހުގައެވެ. އަދި ސަމިޓް ނިމުމަށްފަހު ކުރިއެކޭވެސް އެއްގޮތަށް 'ގާލާ ނައިޓް" އެއް ބޭއްވިގެންދާނެކަމަށްވެސް ސަމިޓްގެ ޑިރެކްޓަރ ހުސެއިން ޝާހިދު ވިދާޅުވެފައިވެއެވެ. އަދި މިފަހަރުގެ ސަމިޓް ޚާއްސަ ކުރެވިގެންދާނީ "މަސްނޫއީ ތޫނުފިލިކަމާއިއެކު މާކެޓިން ދާއިރާއަށް އަނަންމުންދާ ބަދަލުތައް" މިމައުލޫއަށް ކަމަށްވެސް ޝާހިދު ވިދާޅުވެފައިވެއެވެ.
އަދި މިސަމިޓްތަކުގެ މަޤްޞަދަކީ ތަކެތި ވިއްކުމުގެ ބަދަލުގައި ބޮޑަށް މައުލޫމާތުތައް ހިއްސާކުރުން ކަމުގައިވެސް ޝާހިދު ވިދާޅުވެއެވެ. މިގޮތުން މިއަހަރުގެ ސަމިޓުގައިވެސް ރާއްޖެއިން ބޭރުގެ 10 ތަޖުރިބާކާރުންނާއި ރާއްޖޭގެ މާކެޓިން ދާއިރާގެ ތަޖުރިބާކާރުންގެ ބައިވެރިވުންވެސް ހިމެނިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ މިއަހަރުގެ ސަމިޓުގައި ދިވެހި ބަހުން ގެނެސްދެވޭ ބައެއްވެސް އެކުލެވިގެންވާނެ ކަމަށާއި މާކެޓިންގެ ދާއިރާގައި ދިވެހި ބަސް ބޭނުން ކުރާނެ ތަފާތު ގޮތްތަކުގެ މައުލޫމާތުވެސް ބަހާއި މާކެޓިންގެ ތަޖޖުރިބާކާރުންގެ ފަރާތުން ލިބިގެންދާނެ ކަމަށް މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން މި ސަމިޓްގެ ތެރޭގައި ތަޖުރިބާކާރުންގެ މައުލޫމާތު ސެޝަން ތަކުގެ އިތުރުން ތަފާތު އެކި ވޯކްޝޮޕްތައްވެސް ހިމެނިގެންދާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.
ސަމިޓުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް މިވަތުގައި "އާލީ ބާޑް" ޓިކެޓެއް ލިބެން ހުންނާނެ ކަމަށާއި އަސްލު ޓިކެޓުގެ އަގަށްވުރެ ކުޑައަގެއްގައި މިމަހުގެ 15 އާއި ހަމައަށް ޓިކެޓް ބައްލަވައިގަނެވޭނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ.
މިއީ މާކެޓާސް ސަމިޓްގެ ނަމުގައި ބޭއްވޭ މިފަދަ ދެވަނަ ސަމިޓްއެވެ. އެންމެ ފުރަތަމަ ބޭއްވުނު މާކެޓާސް ސަމިޓް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީގައެވެ.


