Tuesday, 27 October 2026

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ފާސްކޮށްފި

އެމްޑީޕީ އާއި ޑިމޮކްރަޓްސްގެ މެންބަރުންގެ ވޯޓުން މަޖިލިސް އިންތިހާބު ރޯދައިގެފަހުން ބާއްވަން ފާސްކޮށްފި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވަން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ހުށަހެޅި އިސްލާހު އެމްޑީޕީ އާއި ޑިމޮކްރަޓްސްގެ މެންބަރުންގެ ވޯޓުން މިއަދު ފާސްކޮށްފި އެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ވޯޓުންނެވެ. އިންތިހާބު ފަސްކުރަން ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދެއްވިއިރު ސަރުކާރުގެ ގިނަ މެމްބަރުން ވޯޓު ނުދެއްވަ އެވެ.

އެ އިސްލާހު ބަލައިގަތުމަށް ވެސް ސަރުކާރުގެ މެންބަރުން ވޯޓު ނުދެއްވަ އެވެ.

މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ.

އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށްވެސް އިސްލާހުގައިވެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާން ކޮށްފައިވާ ގޮތުން، މަޖިލީހުގެ އާ ދައުރުގެ އިންތިހާބު ބާއްވާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް، އެއީ ރޯދަ މަހުގެ ފުރަތަމަ ހަފުތާ ކަމަށް ވާތީ، އެ ދުވަސްވަރު އިންތިހާބު ބޭއްވުމާ މެދު ޕާޓީތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރޯދަމަހުގެ ތެރޭގައި އިންތިހާބު ނުބޭއްވޭ ގޮތަށް ހުށަހެޅި އިސްލާހު ދިރާސާކުރަން ނެގި ވަގުތީ ކޮމިޓީން އިލެކްޝަން ކޮމިޝަނާ ވެސް ބައްދަލުކުރުމަށް ފަހު ނިންމީ ރޯދަމަހުގެ ފަހަށް އިންތިހާބު ފަސްކުރަން ފެންނަ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *