ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީގައި ބާއްވާ ގަވަމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މި ސަމިޓު ކުރިއަށްދާނީ މާދަމާ އިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.
ރައީސް މުއިއްޒު ޔޫއޭއީއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.
މި ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފެންވަރުގެ ވަފުދެއްވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ބައެއް ނޫސްވެރިންނާ އެކުގައި ރައީސް ޔޫއޭއީ އަށް ވަޑައިގަންނަވާ އިރު، އެނގިފައިވާ ގޮތުގައި، ރައީސް ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތު ދުވަހުއެވެ.
ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ތުރުކީއަށް ކުރެއްވި ދަތުރުފުޅަށްފަހުކޮޕް 28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މީގެ ކުރިން ޔޫއޭއީއަށް ވަޑައިގެންނެވިއެވެ. އަދި ރަސްމީ ދަތުރުފުޅެއްގައި އެންމެ ފަހުން ރައީސް ވަޑައިގެންނެވީ ޗައިނާއަށެވެ.


