ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރިނަމަވެސް، އިންތިޚާބަށް ކުރިމަތިލުމަށް މިހާރު ދީފައިވާ މުއްދަތު އިތުރު ނުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ހުސެއިން ހަބީބު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިއުލާން ކުރިތާ 12 ދުވަސްވީ އިރު، އިންތިހާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ އެންމެ ހަތަރު ދުވަސް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް މިހާރު ނިންމާފައި އޮތީ މާޗު މަހުގެ 17ވަނަ ދުވަހުއެވެ. ނަމަވެސް އިންތިޚާބު ފަސްކުރުމަށް އެދި މަޖިލީހަށް ލާފައިވާ މައްސަލައިގައި، ތަމަޟާންމަހުގެ ފަހަށް އިންތިޚަބު ބާއްވާ ތާރީޚް ފަސްކުރުމަށް ކޮމިޓީ މަރުހަލާގައި ވަނީ ފާސްކޮށްއެވެ. ނަމަވެސް ތާރީޚު ބަދަލުކުރެވޭނީ މުޅި މަޖިލީހުގައި ބަހުސްކޮށް، ވޯޓުން ފާސްވުމުންނެވެ.
މަޖިލިސް އިންތިހާބަށް ކުރިމަތިލެވޭނީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އާ ހަމައަށެވެ. ހޮނިހިރު ދުވަހު އަދި ރަސްމީ ދުވަސްތަކުގައި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު ފަހު 14:00 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
އިންތިޚާބަށް ހުލުވާލުމަށް ފޯމު ހުށައެޅުމުގެ ކަންކަން ވީހާވެސް އަވަހަށް ކުރިއަށްގެންދިއުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ. ޙަބީބު ވިދާޅުވީ އެންމެ ފަހު ވަގުތުގައި ފޯމު ހުށަހަޅަން މަޑުކޮށްފިނަމަ، ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި އެ ފުރުޞަތު ނުލިބިދާނެކަމަށެވެ.


