Tuesday, 28 July 2026

މާޒީގައި ކޮޅުމަޑުލު ރާޑަރުން ކައްސާލައި ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެންނާނަން – ރައީސް

ވޭތުވެދިޔަ ދިގު މާޒީގައި ކޮޅުމަޑުލު އަތޮޅު ރާޑަރުން ކައްސާލައި ފަހަތަށް ގޮސްފައި އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މިޔަޤީންކަން ދެއްވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ކަނޑޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ކޮޅުމަޑުލަކީ ތަރައްޤީގައި އެންމެ ކުރީ ސަފުގައި ފުރުޞަތުތައް ލިބޭ އަދި ތަރައްޤީވެފައިހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް ބަދަލުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

އަދިި އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ދިވެހިރާއްޖޭގެ އިޤުތިޞާދީ ކަންކަން އޮތީ މުޅިން ހަލާކު ކޮށްލާފައިކަމުގައި ވިދާޅުވެ، އެކަންކަން ރަނގަޅުކުރުމަށް މިސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާކަމުގައި ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން އަޅަން ފަށާފައިވާ ފިޔަވަޅުތަކަކީ ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއްކަން އައި.އެމް.އެފް. އިން ރާއްޖޭގައި އަމިއްލައަށް ކުރި ދިރާސާއިން ފާހަގަވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކަނޑޫދޫގެ ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި ރައީސް ވަނީ، ޚާއްސަކޮށް ތެލެސީމިއާއަށް ފަރުވާ ހޯދަންޖެހޭ ކުދިންނާއި ޢާއިލާތަކަށް ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން ރައީސް ވިދާޅުވީ، ތެލެސީމިއާއަށް ބޭނުންވާ ފަރުވާދިނުމުގެ ކަންކަން ފަހިކުރުމަށާއި އަދި ޖުމްލަކޮށް ކަނޑޫދޫގެ ހެލްތު ސެންޓަރުގެ މަޝްރޫޢަށް ޚާއްސަ އިސްކަމެއްދެއްވާނެ ކަމަށެވެ.

އަދި ރަށުގެ ރައްޔިތުން އެދޭގޮތަށް ރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވުމަށް ވަރަށްބޮޑު ސަމާލުކަމެއް ދެއްވާނެކަމަށާއި، ރައްޔިތުންނާއި ކައުންސިލުތައް ބާރުވެރިކުރުމަށް އަދި އިޤްތިޞާދީ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް އިތުރު ރަށެއް ހޯދުމަށް ސަރުކާރުން ހުޅުވާލާ ފުރުޞަތުގެ ބޭނުން ހިފައި، ދަނޑުވެރިކަން ފަދަ މަސައްކަތްތައް ފުޅާކުރުމުގެ މަގުފަހިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *