Tuesday, 28 July 2026

މައްސަލަ ނެތް ފްލެޓްތައް ވީ އެންމެ އަވަހަކަށް ހަވާލު ކުރުމަށް ގޮވާލައިފި

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމްގެ ދަށުން މަސައްކަތް ފަށާފައިވާ 4،000 ފުލެޓަށް ޝަރުތު ހަމަވާ މީހުންނަށް ފުލެޓް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްﷲ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެކި ސަބަބުތަކާ ހުރެ ފްލެޓްތައް ދިނުން ލަސްވުމަކީ އޭގެ ސަބަބުން އެތައް ގެއްލުމެއްވާ ކަމެއް ކަމަށާއި އޭގެ ތެރޭގައި ކުދިކުދި ތަންތަން ކޮޅުގައި ދިރިއުޅުން ޖެހިފައިވާ އަދި އާމްދަނީގެ ބޮޑު ބައެއް ކުއްޔަށް ހަރަދުކުރާ މީހުން ހިމެނޭ ކަމަށެވެ.

"ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފަރާތަށް ފްލެޓް ލިބިފައިވާ ކަމަށް އާންމުކުރި ދާއިމީ ލިސްޓް ނެރުން ވެގެންދިޔައީ އެތައް ހާސް އާއިލާއަކަށް ރީތި ސާދާ ދިރިއުޅުމެއް އުޅެވޭނެކަމުގެ ފޮނި އުންމީދަކަށް،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ މައްސަލަ ހުރި ފްލެޓްތަކުގެ ކަންކަން ވެސް ވީއެންމެ އަވަހަކަށް ބަލައި އެ ފްލެޓްތައް ދޫކުރެވޭ ވަރު ކުރަން ޖެހޭ ކަމަށެވެ.

އެ މައްސަލާގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މާލޭ ރައްޔިތުން ދިރިއުޅެމުން އަންނަނީ ވަރަށް ދަތި ހާލަތުގައި ކަމަށާއި ދިރިއުޅުން ބިނާ ނުކުރެވިގެން އުޅެނީ އެމީހުންނަށް އޮތް ގެދޮރުވެރިކަމުގެ ދަތިކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ރައްޔިތުން ވާނުވާގައި ތަޅުވަން ބައިތިއްބައިގެން ނުވާނެ ކަމަށާއި މި ސަރުކާރަށް ވެސް ގޮވާލައްވަނީ ފްލެޓްތައް ވީއެންމެ އަވަހަކަށް ދޫކުރުމަށް ކަމަށް އީވާ ވިދާޅުވި އެވެ.

މި މައްސަލައިގައި ފްލެޓްތައް ދީފައިވާ ގޮތާމެދު ގިނަ ޝަކުވާތަކެއް ހުށަހެޅި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އެކަމުގެ ތަހުގީގެއްވެސް ހިންގާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *