ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ އަތޮޅު ގުރައިދުއަށް ވަޑައިގެންފިއެވެ.
ރައީސް ގުރައިދުއަށް ފައިބައިވަޑައިގަތުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ.
ރައީސް އޮފީހުން ވަނީ ރައީސް ޑރ. މުއިއްޒުގެ މި ދަތުރުފުޅުގައި ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ހަމަޖެހިފައިވާކަމަށް ބުނެފަ އެވެ. މީގެ އިތުރުން ގުރައިދޫ ކައުންސިލާއި، އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
ރައީސް ތ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި 3 ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް ޑރ. މުއިއްޒު މީގެކުރިން ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑު އައްސަވައިގެން ކަމުގައި ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނު ރައްޔިތުންނާ ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށާއި، އަދި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމުގައިވެސް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.


