ރާއްޖޭގައި ޒަމާނީ ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ވަރަށް އަވަހަށް ބިން ދޫކުރާނެ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ.އަހުމަދު އަޝްރަފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން އެގައުމުގައި މަރުވާ މީހުންގެ 84 އިންސައްތަ އަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންނެވެ. 84 އިންސައްތަ މީހުންގެ ތެރެއިން 17 އިންސައްތަ މީހުން މަރުވަނީ އެކި ބާވަތުގެ ކެންސަރު ބަލީގައެވެ.
ޒަމާނީ ކެންސަރު ހޮސްޕިޓަލެއް ތަރައްގީ ކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމެކެވެ. އަދި މިއީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ޑރ. އަޝްރަފް ވަނީ ވިދާޅުވެފަ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އަޝްރަފް ވިދާޅުވީ ކެންސަރަށް ފަރުވާ ދިނުމާ ގުޅޭ ހުރިހާ ހިދުމަތެއް އެ ހޮސްޕިޓަލުން ފޯރުކޮށްދޭނެ ކަމަށެވެ. މީގެ އިތުރުން ދުރު ރަށްރަށުން އަންނަ މީހުންނަށް ހޮސްޕިޓަލުގެ ހިދުމަތް ހޯދުމަށް އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކުރާނެ އެވެ.
"ސަރވިސް އެންޑް އިކުއިޕްމަންޓް ރިސާޗް ކުރެވިފައި އެބަހުރި. ފައިނަލް ޕްރޮޕޯސަލްތައް ތައްޔާރުކުރަމުން އެބަދޭ. ޕްރެކްޓިކަލް މަސައްކަތް ވަރަށް އަވަހަށް ފެށޭނެ،" ޑރ އަޝްރަފް ޕީއެސްއެމްއަށް ވިދާޅުވި އެވެ.
އަޝްރަފް ވިދާޅުވީ މި ހޮސްޕިޓަލަކީ ރާއްޖޭގައި ކެންސަރު ޖެހޭ މިންވަރު މަދުކޮށް ރައްޔިތުންނަށް ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގާއިމްކުރާ ހޮސްޕިޓަލެއް ކަމަށެވެ.
ކީމޯތެރަޕީ މިހާރުވެސް ރާއްޖޭގެ އެކި ހޮސްޕިޓަލްތަކުގައި ލިބެން އެބަހުއްޓެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ހިދުމަތް ދޭން ފެށި ފަހުން އައްޑޫ ހޮސްޕިޓަލާއި ޅ. އަތޮޅު ހޮސްޕިޓަލާއި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ތ. އަތޮޅު ހޮސްޕިޓަލަށް ވަނީ ހިދުމަތް ފުޅާކޮށްފަ އެވެ.


