އިއްޔެ ބޭއްވި އެމްޑީޕީގެ ރައްޔިތުންގެ މަޖިލިސް ޕްރައިމަރީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އާއި ދަރިއޭނާގެ ދަރިފުޅު އަހުމަދު މުއާޒު އަބްދުﷲ ޖާބިރު އަށްވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު ވެއްޖެއެވެ.
އަންނަ މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގައި ޖާބިރު ތަމްސީލް ކުރައްވަމުން ގެންދަވާ ކާށިދޫ ދާއިރާއަށް ކުރިމަތިލުމަށް ނިންމަވާފައިވާއިރު، ދަރިފުޅު މުއާޒު ކުރިމަތިލައްވާފައިވަނީ އދ. މަހިބަދޫ ދާއިރާއަށެވެ.
މުޅިން އަލަށް ޕްރައިމަރީއަށް ނުކުންނެވި މުއާޒަށް މަހިބަދޫ ދާއިރާއިން 234 ވޯޓު ލިބިވަޑައިގެންނެވި އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އަބްދުލް ޖަލީލް އިބްރާހީމަށް ލިބުނީ 132 ވޯޓެވެ. ދެން ވާދަކުރެއްވި ބުންޔާމީން ހަސަނަށް 96 ވޯޓު އަދި ހައްވާ ރަޝީދާ އަށް ލިބުނީ 14 ވޯޓެވެ.
ބެލެވޭ ގޮތުގައި، މާޗް 17 ވަނަ ދުވަހު އޮންނަ މަޖިލިހުގެ އިންތިހާބުގައި އަހުމަދު މުއާޒް ވާދަކުރައްވާނީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު އަދި މަހިބަދޫ ދާއިރާގެ މެމްބަރު ކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އަހުމަދު ތޯރިގް (ޓޮމް) އާއެވެ. ޓޮމް އަށް ވަނީ ޕްރައިމަރީއަކާ ނުލައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ލިބިފައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވީ ޅ. ހިންނަވަރު، ނޫވިލް އަބްދުﷲ ރިފްއަތާ ދެކޮޅަށެވެ. ޖާބިރަށް 252 ވޯޓު ލިބިވަޑައިގެންނެވި އިރު، ރިފްއަތަށް ލިބިވަޑައިގަތީ 150 ވޯޓެވެ. ޖާބިރަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ކ. ކާށިދޫންނެވެ. އެ ރަށުން އޭނާ އަށް 159 ވޯޓު ލިބިވަޑައިގަތެވެ.
ކ. ގާފަރުން 56 ވޯޓު ލިބިވަޑައިގެންނެވި އިރު، މާލެ އިން 37 ވޯޓު ޖާބިރު ހޯއްދެވިއެވެ.


