ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިފްކޯއަށް ކިރުވާ މަހަށް ފައިސާ ނުލިބޭތާ ގިނަ ދުވަސް ވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސަރުކާރުގެ މަސްކުންފުނި، މިފްކޯއިން މަސްކިރައި، މަސްވެރިންނަށް ފައިސާ ނުދޭތީ މަސްވެރިޔަކު ވަނީ އެކަމަށް ނުރުހުން ފާޅުކޮށް، ރައީސް މުއިއްޒާ ސުވާލު ކުރައްވައިފައެވެ.
ސަރުކާރުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ހދ. ނޮޅިވަރަންފަރު، ހިޖުރަ، އަބްދުލްޣަނީ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މަސްވެރިކަމުގެ ދާއިރާ ވަރަށް ބޮޑަށް އިނދަޖެހިފައިވާ ކަމަށެވެ. އެކަން އެގޮތަށް ދިމާވީ މަސްވެރިކަމަށް ވޭތުވެދިޔަ ސަރުކާރުތަކުން އަޅައިނުލުމުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދުއިސައްތަ ހަތްދިހަ މިލިއަން ވަރަކަށް ރުފިޔާ މިހާރު ވެސް އެބައޮތް މަސްވެރިންނަށް ދޭން. އެހެންވެ، އެ ފައިސާ ދިނުމުގެ މަސައްކަތް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދެވޭ. މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް އެ ފައިސާ ވަރަށް އަވަހަށް ހަވާލުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ޔަގީންކަން އެބައޮތް ވަރަށް އަވަހަށް ދެވޭނެ ކަމަށް. ހުރިހާ މަސްވެރިންނަށް ދޭން ހުރި ފައިސާ ވަރަށް އަވަހަށް އިރާދުކުރެއްވިއްޔާ ހަވާލު ކުރުމުގެ މަސައްކަތް މި ކުރަނީ."
ރައީސް ވިދާޅުވީ ހުރިހާ މަސްވެރިންނަށް ދޭންޖެހޭ ފައިސާތައް ސަރުކާރުން ވަރަށް އަވަަހަށް ހަވާލުކުރާނެ ކަމަށެވެ. ސަރުކާރަށް އެންމެ މުހިންމު އެއް ކަމަކީ މަސްވެރިން ބާނާމަހަށް ފައިސާ ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެ އަށް ފަހު، ކުރިއަށް އޮތްތަނުގައި ކަންކަން އިންތިޒާމު ކުރާނީ މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ގިނަދުވަސް ހޭދަވާން ނުޖެހޭ ގޮތަށް ކަން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 250 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށެވެ. ސަރުކާރުން ވަނީ ދެ ފަހަރެއްގެ މަތިން 200 މިލިއަން ވަރަކަށް ރުފިޔާ މަސްވެރިންނަށް ދޫކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި އޭގެ އިތުރުން ވެސް އިތުރަށް މަސްވެރިންނަށް ދޭން ޖެހިފައިވާ ފައިސާ އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނީ ރައީސަށް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ސުވާލުތަކަށް، މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް، ވަގުތު ލިބިވަޑައިގަންނަވާ ވަރަކުން ރައީސް މުއިއްޒު ޖަވާބުދެއްވަމުން ގެންދަވާނެ ކަމަށެވެ.


