ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން، ފުރަތަމަ އިއުލާންކުރި 4،000 ފުލެޓު ލިބޭ މީހުންގެ ތެރެއިން ގޯސްކޮށް ޕޮއިންޓު ދީފައިވާ ފޯމްތަކުގެ ޕޮއިންޓު މުރާޖައާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަންގައި، ފުލެޓު ދިނުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ހުއްދަ ދީފިއެވެ.
ފްލެޓް ދޫކުރުމުގެ މަސައްކަތް ފެށުމަށް އޭސީސީން ހުއްދަ ދިނީ، ހައުސިން މިނިސްޓްރީން ބައެއް ކަންކަން ފުރިހަމަ ކުރުމަށް ވެސް އެންގުމަށް ފަހު އެވެ. އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއް ގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނަ ގޮތަށް މައްސަލަ ހުރި ފޯމުތައް މުރާޖައާ ކުރަން އެކޮމިޝަނުން ހައުސިން މިނިސްޓްރީއަށް އެންގި އެވެ.
މީގެ ކުރިން އޭސީސީން ވަނީ، ފުލެޓު ލިސްޓާ ގުޅިގެން 325އަށް ވުރެ ގިނަ މީހުން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. އަދި، ބައެއް މީހުންނަށް އިތުރަށް ޕޮއިންޓު ދީގެން ވެސް ފުލެޓު ލިބޭ މިންވަރަށް ޕޮއިންޓު ހަމަކޮށްފައިވާ ކަމަށް ބުނެ، އޭސީސީން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރީ ސަރުކާރަށްކޮށްފައެވެ.
އޭސީސީން ގެދޮރުވެރިޔާ ފްލެޓުތަކުގެ މައްސަލަ ބަލަން ފެށީ ކުރީ ސަރުކާރުގެ ފަހުކޮޅު ލިސްޓު އާންމުކޮށް ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.


