Wednesday, 29 July 2026

ޕީޖީ ޝަމީމްއަށް ހަމަލާދިން މައްސަލައިގަ ދެ މީހަކު ހައްޔަރުކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް އިއްޔެ ހެނދުނު ދިން ހަމަލައާ ގުޅިގެން ފުލުހުން ރޭ ދެ މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ހެނދުނު ޝަމީމަށް ހަމަލާ ދީފައި ވަނީ  ސައިކަލު ޕާކޮށްފައި ގެެއަށް ވަދެވަޑައިގަންނަވަނިކޮށްނެވެ. ހަމަލާ އެރީ ޝަމީމްގެ ވައަތުގެ މުލައްދަނޑިއަށެވެ. މަރުތޭލައިން ޖެހުމުގެ ސަބަބުން ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އެ އަތުގައި އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރު އަޅައި، ފަރުވާ ދިނެވެ.

ޕީޖީއަށް އިއްޔެ ދިން ހަމަލާ އާއި ގުޅޭގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ސީޕީ އަލީ ޝުޖާއު ވިދާޅުވީ ޕީޖީ އަށް ދިން ހަމަލާ ފުލުހުން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މިކަހަލަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށެވެ.

ޝުޖާއު ވިދާޅުވީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްފައިވާނެ ކަމަށެވެ. މި ހަމަލާގައި ތިބި މީހުން ހޯދަން ފުލުހުންގެ އިންޓަލިޖެންސް ޔުނިޓާއި ފްރަންޓް ލައިންގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ތަހުގީގު ޓީމުތަކުން ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޕީޖީ އަށް ހަމަލާ ދިނީ ކާކުކަން ނޭނގޭ ގޮތަށް، ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ. އެކަމަކު، އެކަން ކުރީ ކޮން ބައެއްކަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށް ވާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ހައްޔަރު ކުރި މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *