ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތާއި މަނީލޯންޑްރިންގެ ދައުވާ ކުރަން ފޮނުވައިފި އެވެ.
ބައްސާމްގެ މައްޗަށް މި ދައުވާކުރަން ދައުވާކުރުމަށް ޕްރޮސިކިއުާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ އެފްއޭއެމް އަށް، ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ފޮނުވި ފައިސާގެ ތެރެއިން 10،000 ޑޮލަރު ބައްސާމް އަމިއްލަ އެކައުންޓަށް ފޮނުވައި އަމިއްލަ ކަންކަމަށް ބޭނުންކޮށްފައި ވާތީ ކަމަށް ޕީޖީ އިން ބުނެއެވެ.
އެގޮތުން (ޕީޖީ) އޮފީހުން ވަނީ، ބައްސާމް ޢަދީލް ޖަލީލް، 2016 ވަނަ އަހަރުން ފެށިގެން އެފް.އޭ.އެމްގެ ރައީސްގެ މަޤާމުގައި ހުރެ، އެފް.އޭ.އެމްގެ ކަންކަމަށް ބޭނުންކުރުމަށްޓަކައި، ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން އެފް.އޭ.އެމްއަށް ދެމުން ގެންދިޔަ ފައިސާގެ ތެރެއިން، އެފް.އޭ.އެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާއިން، އޭނާގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޮލަރު ޖަމާކުރުމަށްޓަކައި، ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 10،004 އެެމެރިކާ ޑޮލަރުގެ ޓްރާންސްފަރ ކުރުމަށް ލިޔެ، 26 އޮގަސްޓު 2018 ދުވަހު ބޭންކްއަށް ލިޔުން ހުށަހަޅައި، 9،999 އެމެރިކާ ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ބުނެފަ އެވެ.
"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކްއަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީނަމަވެސް، އެޑޮލަރަށްވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީއާއި، ބައްސާމް ޢަދީލް ޖަލީލް އެފް.އޭ.އެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީއާއި، މިފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 215 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ 2 ވަނަ ނަންބަރުގެ (i) އާއި (ii) އާ ޙަވާލާދީ، 210 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ އުފުލާ ކަމަށް" ޕީޖީން ބުނެފައިވެއެވެ.
މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންނެވެ.
ފުލުހުންގެ އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވަނީ ފީފާ އާއި އޭއެފްސީން ފޮނުވި ފައިސާއަށް އެފްއޭއެމްގެ ބައެއް ވެރިން ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ވަރަށް ގިނަ ޓްރާންސެކްޝަތަކުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. މީގެ ތެރޭގައި މިލިއަން ޑޮލަރުގެ މުއާމަލާތްތައް ވެސް ހުރި އިރު މި 10،000 ޑޮލަރުގެ މައްސަލަ އަކީ މިހާތަނަށް އަދި ތަހުގީގު އެއްކޮށް ނިމި ފުރިހަމަ ހެއްކާ އެކު ޕީޖީއަށް ފޮނުވި މައްސަލަ ކަމަށް ފުލުހުން ބުންޏެވެ. އިތުރު މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާނާތްތެރިވުމުގެ ދައުވާ ސާބިވެއްޖެނަމަ އޭނާގެ މައްޗަށް 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެނަމަ، 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން؛ ނުވަތަ 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް ބައްސާމުގެ މައްޗަށް އަންނާނެއެވެ.


