ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން މިއަދު އެރި ކަމަށް ބުނެ ކުރި ރިޕޯޓެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެސަރަހައްދަށް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރު ކުރަމުންދާ ކަމަށެވެ. އުޅަނދަށް އެރީ ކޮން ގައުމެއްގެ ސިފައިން ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.
ސޯޝަލް މީޑިޔާގައި ދައުރުވަމުން ދާ ހަބަރުގައި ވާގޮތުން އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ސިފައިން އަރާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދޫ އަސުރުމާ 3 ދޯންޏަށެވެ.
އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސިދާންތު ސިބާލް އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލާދީ ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ދޯންޏަށް ބޭރުގެ ސިފައިންގެ ބަޔަކު އެރި ކަމަށްބުނާ ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު ތެރޭ އިންޑިއާ ސިފައިންގެ އުޅަނދެއް ނެތް ކަމަށެވެ.


